ތިލަފުށި-
ތިލަފުށި-
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީގައި ތަރައްޤީކުރި ކެމިކަލް ގުދަންތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ވަނީ ކެމިކަލް ގުދަން ކުއްޔަށް ދިނުމަށްޓަކާ ދެ އިމާރާތެއް ތަރައްޤީކޮށްފައެވެ. މި ދެ އިމާރާތުން ޖުމްލަ 16 ގުދަނެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި 990 އަކަފޫޓުން މަތީގެ 14 ގުދަން ހިމެނެއެވެ.

މިކަމުގެ ބީލަން ހުށައެޅުން އޮންނާނީ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުއެވެ.

ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި މާލޭގެ އާއްމުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ނުރައްކާތެރި ހާދިސާއެއް ހިނގުމާއި ގުޅިގެންނެވެ. މި ހާދިސާގައި 31 އާއިލާއަކަށް ގެއްލުންވިއިރު، އެކަކު ނިޔާވެފައިވެއެވެ.

އެޗްޑީސީން ބުނީ އަލަށް ތަރައްޤީކުރި މި ގުދަންތަކަކީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަންކަމަށެވެ. އެގޮތުން މި ގުދަންތައް ތަރައްޤީކޮށްފައިވަނީ 90 މިނެޓުވަންދެން އަލިފާން ނުހިފާ ހުންނަ ފަދަ ޕާޓިޝަން އަދި ސްޓްރަކްޗަރ ނުވަތަ ފަޔަރ-ރޭޓެޑް ސްޓްރަކްޗަރ ބޭނުންކޮށްގެން ކަމަށް ވަނީ ހާމަކޮށްފައެވެ.

އަދި އަލިފާން ނިއްވާ ނިޒާމުތަކާއި، ސީސީޓީވީ ކެމެރާ ސިއްޓަމްތަކާއި، ސެކިއުރިޓީ ރޫމްގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްސަ ނިޒާމާއި، އެނޫންވެސް މުހިންމު ޚިދުމަތްތައް މިތަނުގައި ޤާއިމުވެފައި ހުންނާނެކަމަށް އެޗްޑީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް