ފޮޓޯ: ހަތާވީސް
ފޮޓޯ: ހަތާވީސް
ރޯހައުސް ލިސްޓުން އުނިކުރި އަންހެނަކު ގއ. ވިލިނގިލީ ކައުންސިލް ކުރިމަތީ އިޙްތިޖާޖު ކުރަމުންދާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ވިލިނގިލީ ކައުންސިލް ކުރިމަތީ ތަންމަތި އަޅައިގެން އޮތް އެ އަންހެން މީހާ މިއަދު ހެނދުނު ކައުންސިލް ހުޅުވިއިރު ވެސް އޮތީ އެތާ ދޮރުމަތީގައެވެ. އޭނާ ކައުންސިލް ކުރިމަތީގައި އިހުތިޖާޖު ކުރާއިރު، ފުލުހުން ވެސް އަންނަނީ އެސަރަޙައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ދައުރުވަމުންދާ ވީޑިއޯގައި އަންހެން މީހާ ބުނަމުންދަނީ، އޭނާއަށް ވަރަށް ގިނަފަހަރު ކައުންސިލް އިދާރާއަށް އާދެވިއްޖެ ކަމަށާއި، ދެން އޭނާއަށް އިންސާފު ނުލިބެނީސް އެތަނުން ނުތެދުވާނެ ކަމަށެވެ. އަދި އޭނާގެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ކަމަށާ، އޭނާގެ ގާތު އެތަނުން ތެދުވެގެން ދިއުމަށް ބުނުމުގެ ބަދަލުގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް އަންހެންމީހާ އެދިފައިވެއެވެ. އޭގެއިތުރުން އޭނާއަށް ލިބެންޖެހޭ ރޯހައުސް ނާއިންސާފުން ބަޔަކަށް ދީފައިވާ ކަމަށް އެމީހާ ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިހުތިޖާޖު ކުރަމުންދާ އަންހެން މީހާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ތިބޭ މީހެކެވެ. އަދި އެ އަންހެން މީހާ މިހާރު ދިރިއުޅެނީ ޢާއިލީ ގެއެއްގައި ކަމަށާއި، ރޯ ހައުސް ލިބޭ މީހުންގެ ލިސްޓްގައި ނަން އޮތުމުން އޭނާވަނީ އެރަށުން އޭނާއަށް ލިބުނު ގޯތި ވެސް ދޫކޮށްލާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރޯހައުސް ލިސްޓުން އުނިކުރި އަންހެނަކު ގއ. ވިލިނގިލީ ކައުންސިލް ކުރިމަތީ އިޙްތިޖާޖު ކުރަމުންދާއިރު، މީގެ ކުރިން އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ އެރަށުން ރޯހައުސް ދޫކުރުން ހުއްޓުވައިފައެވެ. އަދި ވިލިގިލީގައި ހުރި ރޯ ހައުސްތަކަށް އަލުން ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ވިލިނގިލީގައި ޢިމާރާތް ކުރަންފެށި 50 ރޯހައުސްގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ވިލިނގިލީގައި އިމާރާތްކޮށް ނިންމި 52 ރޯހައުސްގެ ތެރެއިން ދެ ރޯހައުސް ނުދެވި އޮތުމުން، އެ ދެ ރޯހައުސް ހޯދުމަށް ވިލިނގިލީ ގިނަ ބަޔަކު ވަނީ ކުރިމަތިލާފައެވެ.



ކިޔުންތެރިންގެ ހިޔާލު