ޢުޘްމާން ޣާޒީ (ޢުޘްމާނީ ތުރުކީ ބަހުން عثمان غازى) އަކީ ޢުޘްމާނީ ތުރުކީންގެ ޒައީމެވެ. އަދި ޢުޘްމާނީ ދަރިކޮޅުގެ ފެށުމެވެ. ސޮކޫދު އޭ ކިޔުނު ކުޑަ ސަހަރަކުން ފެށުނު ޢުޘްމާން 1 ގެ ދައުލަތް ފުޅާވަމުން އައިސް ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އަންބަރާތޫރިއްޔާއަށް ވިއެވެ. އަދި މީލާދީން 1299 ގައި ފެށުނު މިދައުލަތް 1922 އާއި ހަމައަށް ދެމިގެން އައެވެ.

ސުލްޠާން ޢުޘްމާން 1 ގެ ދުވަސްވަރާ ގުޅޭ ގޮތުން މަޢުލޫމާތު ލިބެން ހުރި މާ ގިނަ ތާރީޚީ މަސްދަރުތަކެއް ނެތެވެ. އެހެންކަމުން އެރަސްގެފާނުގެ ވެރިކަމާ ގުޅޭ ގޮތުން އެންމެ މުއުތަބަރުކޮށް ލިޔެވޭކަށް ނޯވެއެވެ. ސުލްޠާން ޢުޘްމާންގެ ހަޔާތްޕުޅާ ގުޅޭ ގޮތުން ޢުޘްމާނީންގެ ރެކޯޑުތަކުން ފެންނަން ހުރީ މީލާދީން ފަނަރަވަނަ ގަރުނުގެ ލިޔުންތަކެއް އެކަންޏެވެ. އެއީ އެރަދުން އަވަހާރަވީތާ ސަތޭކައެއްހައި އަހަރު ފަހުގެ ލިޔުންތަކެކެވެ.

ފެންނަން ހުރި ޢުޘްމާނީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ސުލްޠާން ޢުޘްމާން 1 ގެ ކާބަފައިންނަކީ އޯގޫޒް ތުރުކީންގެ ކާޔީ ޤަބީލާއަށް ނިސްބަތްވާ ބައެކެވެ. ބުނެވޭ ގޮތުގައި ސުލްޠާން ޢުޘްމާން 1 އުފަންވެވަޑައިގެންނެވީ މީލާދީން 1254/55 ގައެވެ. އެހެންނަމަވެސް މިއީ ކަނޑައެޅިގެން އެނގެން އޮތް ތާރީޚެއް ނޫނެވެ.

ޢުޘްމާނީންގެ ތާރީޚު ބުނާގޮތުން މޮންގޯލުންގެ އަނިޔާވެރިކަމުން ސަލާމަތްވާންވެގެން މެދުތެރޭ އޭޝިޔާއިން އަނާދޯލޫއަށް ކާޔީ ޤަބީލާ ހިޖުރަކުރީ ސުލްޠާން ޢުޘްމާން 1 ގެ ބައްޕާފުޅު އެރްތުޣްރޫލްގެ ޤިޔާދަތުގެ ދަށުންނެވެ. އަދި އަނާދޯލޫއަށް ހިޖުރަކުރެއްވުމަށްފަހު، އެރްތުޣްރޫލް އަނާދޯލޫގެ ސަލްޖޫޤުންގެ ސުލްޠާނަށް ބައިޢަތު ހިއްޕެވިއެވެ. އޭގެ ބަދަލުގައި ސަލްޖޫޤުންގެ ސުލްޠާން އެރްތުޣްރޫލަށް ބައިޒެންޓީން އަންބަރާތޫރުއްޔާގެ ބޯޑަރާ އިންވެގެން އޮންނަ ސޮކޫދު ސަހަރުގެ ވެރިކަން ދެއްވިއެވެ.

މީލާދީން 1280 ގައި ބައްޕާފުޅު އެރްތުޣްރޫލް އަވަހާރަވުމުން ސޮކޫދުގެ ވެރިކަން ލިބިވަޑައިގެންނެވީ ސުލްޠާން ޢުޘްމާނަށެވެ. ސުލްޠާން ޢުޘްމާނުގެ ވެރިކަމުގެ ކުރީކޮޅާ ބެހޭ މާގިނަ މަޢުލޫމާތު ލިބޭކަށް ނެތެވެ. ސުލްޠާން ޢުޘްމާންގެ ހަޔާތްޕުޅުގައި ހިނގި ތާރީޚީ ފުރަތަމަ ހާދިސާއަކީ މީލާދީން 1301/1302 ގައި ކުރެވުނު ބަފެއަސް ހަނގުރާމައެވެ. މި ހަނގުރާމައިގައި ސުލްޠާން ޢުޘްމާނުގެ ޤިޔާދަތުގެ ދަށުން ބައިޒޭންޓީނުން ބަލިކުރެއްވިއެވެ.

ބަފެއަސް ހަނގުރާމައަށްފަހު ސުލްޠާން ޢުޘްމާން ބައިޒެންޓީނުންގެ ސަރަހައްދުތައް ހިއްޕަވަމުން ޢުޘްމާނީންގެ ސަރަހައްދު ބޮޑުކުރައްވަމުން ވަޑައިގެންނެވިއެވެ. މިގޮތަށް ބައިޒެންޓީނުންގެ ސަރަހައްދުތައް ހިއްޕެވި އިރު އަވައްޓެރި ތުރުކީންނާ ދެކޮޅުވެރިކަމެއް ނުއުފެދިވޭތޯ ބެއްލެވިއެވެ. ހަނގުރާމަތަކުގެ އިތުރުން ބިންތައް ބައްލަވައިގަތުމާއި ސިޔާސީ ކައިވެނިފުޅުތަކުންވެސް ސަރަހައްދު ބޮޑުކުރެއްވިއެވެ.

ސުލްޠާން ޢުޘްމާން ދެ ކައިވެންޏެއް ކުރެއްވިއެވެ. ފުރަތަމަ ކައިވެނި ކުރެއްވީ އަނާދޯލޫގެ ސަލްޖޫޤު ވަޒީރެއް ކަމަށްވާ ޢުމަރު ޢަބްދުލްޢަޒީޒު ބޭގެ ދަރިކަނބަލުން މަލް ހާތޫންއާއެވެ. ދެވަނައަށް ކުރެއްވީ އެދުވަސްވަރުގެ މަޝްހޫރު ދަންނަބޭކަލެއް ކަމަށްވާ ޝައިޚް އެދެބަލީގެ ދަރިކަނބަލުން ރާބިޢާ ބާލާ ހާތޫން އާއެވެ. ސުލްޠާން ޢުޘްމާނަށް 7 ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އެއީ ޢަލާއުއްދީން ޕާޝާ، ސުލްޠާން އޮރްޚާން ޣާޒީ، ޖޮބާން، މެލިކް، ޙާމިދު، ޕަޒަރްލީ އަދި އެރްތުޣްރޫލެވެ. އަންހެން ބޭފުޅަކަށް ލިބިވަޑައިގެންނެވީ ފާޠިމާއޭ ކިޔުނު ބޭފުޅެއް އެކަންޏެވެ.

ސުލްޠާން ޢުޘްމާން 1 އަވަހާރަވީ ރާއްޖެބަލީގައި، މީލާދީން 1326 ގައި ބުރްޞާގައެވެ. ސުލްޠާން 1 އަވަހާރަވުމުން ރަސްކަން ލިބިވަޑައިގެންނެވީ ދަރިކަލުން އޮރްޚާން ޣާޒީއަށެވެ. މާތް ރަސްކަލާނގެ ސުލްޠާން ޢުޘްމާންގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވާށިއެވެ!

ނޯޓު: މިއީ މީގެ 8 އަހަރު ކުރިން އޮންލައިން ނޫސް "ވާނުވާ" ގައި އަޅުގަނޑު ލިޔުނު ލިޔުމެއް.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް