މަރްޔަމް ނަހްދާ ވަޙީދު   6 އޯގަސްޓު 2025 - 17:32
ކ، ދިއްފުށި، ފޮޓޯ: މޯލްޑިވްސް ޓައިމްސް
ކ، ދިއްފުށި، ފޮޓޯ: މޯލްޑިވްސް ޓައިމްސް
ފަތުރުވެރިކަމުގެ ބޭނުމަށް މާލެއަތޮޅު ދިއްފުށިން 4 ބިމެއް ދޫކުރަން ނިންމާފައިވާކަމް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ދިއްފުށީ ކައުންސިލުން ބުނީ ފަތުރުވެރިކަމަށް ބިން ދޫކުރަނީ އެރަށުގައި ފަތުރުވެރިކަމާއި އިޤްތިސާދު ކުރިއެރުވުމަށްކަމަށެވެ.

މީގެ ސަބަބުން ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކޮށް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ބިންތައް ދޫކުރަނީ ދިއްފުށީގައި ފަތުރުވެރިކަމުގެ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުންނެވެ. އަދި ފަތުރުވެރިކަމަށް މި ބިންތައް ދޫކުރަނީ 50 އަހަރަށެވެ.

މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.

ކައުންސިލުން ބުނިގޮތުގައި ބީލަން ހުށައެޅޭނީ 07 އޮގަސްޓް 2025 އިން 14 އޮގަސްޓް 2025 އަށެވެ. އަދި ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް އެރަށު ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ބީލަންފޮތުގެ އަގަކީ 25،000 ރުފިޔާއެވެ. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 21 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގައި ދިއްފުށީ ކައުންސިލް އިދާރާގައެވެ.

ދިއްފުއްޓަކީ މިހާރުވެސް ރަށު ފަތުރުވެރިކަން ފެށި ފުޅާވަމުން އަންނަ ރަށެކެވެ.



ކިޔުންތެރިންގެ ހިޔާލު