މަގެއްގައި އުޅަނދުތައް ދުއްވަނީ
މަގެއްގައި އުޅަނދުތައް ދުއްވަނީ
ނުރައްކާތެރިކޮށް މަގުތަކުގައި އުޅަނދުތައް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުމުގެ ބިލް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މި ބިލު މަޖިލީހަށް ހުށައެއްޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މީކާއިލް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މަގްސަދަކީ ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ މާއްދާގެ ށ އޮތް ގޮތުން، މީހަކު މަރުވެދާނެކަމާއިމެދު، ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ވެދާނެހެން ކުރާކަމެއްކަމަށް ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި އިންޖީނުލީ އުޅަނދު ދުއްވާ ހާލަތް ހިމަނާފައި ނުވާތީ އެ މާއްދާ އިސްލާހު ކުރުމަށް ކަމަށެވެ.

އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާއިމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ ހަމަތަކެއް މަގުފަހިކޮށް، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ވަކި ކުށަކަށް ހެދުމަކީވެސް މި ބިލުގެ މަގްސަދެއްކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

މީކާއިލް ވިދާޅުވި ގޮތުގައި މައިގަނޑު ދެކަމެއް މި ބިލުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެކަމާއިމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ބިރު ކުރިމަތިވެދާނެ ގޮތަށް ކުރާ އަމަލެއްކަމުގައި ބެލުމާއި، ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ކުށެއްކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް މި ބިލުން ތައާރަފުވުމެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުންނަމަ އަނިޔާއެއް ނުލިބޭނަމަ އެމީހަކު އެކުރީ ކުށެއްކަން ވެހިކަލް ދުއްވި ފަރާތުގެ މައްޗަށް ކަނޑައެޅުމަށް އުނދަގޫކަމަށް މީކާއިލް ވިދާޅުވިއެވެ.

ނަމަވެސް މި އިސްލާހާއިއެކު، މީހުންގެ ފުރާނައަށް ނުރައްކާވާނެފަދަ ގޮތަކަށް އޮވަރޓޭކް ކުރުމާއި ސްޕީޑް ލިމިޓް ބްރޭކު ކުރުންފަދަ ކަންކަންވެސް ބަލާނީ ޖިނާއީ ކުށެއްގެ ގޮތުގައިކަން މެންބަރު ފާހަގަ ކުރެއްވިއެވެ. އަދި ވަކި އަދަބެއްވެސް މި ބިލާއިއެކު މިފަދަ ކުށްތަކަށް ކަނޑައެޅިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެރެފިކަށް މީހުން ހޭލުންތެރި ކުރުވަން ޖެހޭކަމަށާއި، އަދަބުދީގެން އެކަނި ނުވާނެކަމަށްވެސް މެމްބަރު ފާހަގަކުރެއްވިއެވެ. އަދި ބިލުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ހަރަކާތްތެރިވާނެ ފުލުހުންގެ ޒިންމާވެސް އެހާ ބޮޑުކަމަށް މީކާއީލް ވިދާޅުވިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިހާރު ދަނީ މި ބިލު ދިރާސާ ކުރަމުންނެވެ. މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު