މަރްޔަމް ނަހްދާ ވަޙީދު   8 އޯގަސްޓު 2025 - 17:15
ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ގެދޮރިވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި މިހާތަނަށް 640 މީހަކު ސޮއި ކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން އެކްސްގައި ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 667 ފްލެޓު އެއްބަސްވުމެއްގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވެއެވެ. މީގެ ތެރެއިން 640 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަން އެފްޑީސީން ހާމަކުރިއެވެ.

މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަކީ އެކޯޕަރޭޝަންގެ އަމާޒެއް ކަމަށްވެސް އެފްޑީސީން ބުންޏެވެ.



ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މީގެއިތުރުން، އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ޙަވާލުކުރަންޖެހޭނެކަމަށާއި، އެއީ ނޮޓޮރައިޒްޑް ޕަވަރ އޮފް އެޓަރނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު