ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިފްތިތާހުކުރުން-
ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިފްތިތާހުކުރުން-
ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު (ސީއެސްއޯސީ) އާއެކު ގައުމުގެ ޑިޖިޓަލްސް ސްޕޭސް ރައްކާތެރުކުރުމުގެ އައު މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ކޮމިޝަނާރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ސީޕީ ނަވީން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ މި ޒަމާނުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ފިޒިކަލީ ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް ނޫންކަމަށާއި، ފެންނަން ނުހުންނަ ސައިބަރ ސްޕޭސްގެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަމުގެ މައްޗަށް ވެސް ކަމުގައެވެ.

އަދި މިއަދު އިފްތިތާހުކުރެވުނު ސެންޓަރުން ކަށަވަރުކޮށްދޭނީ ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ސައިބަރ ނުރައްކަލަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް ތިބޭނެކަން ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މިދެކެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ތާރީހީ ފިޔަވަޅެއް، އަޅުގަނޑުމެންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ރަސްމީކޮށް އިފްތިތާހުކުރެވިގެން ދިއުން. މިއީ ހަމައެކަނި ފެސިލިޓީއެއް ހުޅުވުމެއް ނޫން، އަޅުގަނޑުމެންގެ ގައުމުގެ ޑިޖިޓަލް ސްޕޭސް ރައްކާތެރިކުރުމުގެ އައު މަސައްކަތްތަކެއްގެ ފެށުން" ނަވީން ވިދާޅުވިއެވެ.

އަލަށް ގާއިމުކުރެވުނު ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ފަރުމާކުރެވިފައިވަނީ ސައިބަރ ދާއިރާގައި ގައުމުގެ "ޝީލްޑް އެންޑް ވޮޗްޓަވަރު" ގެ ގޮތުގައި ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެ ކަންކަމަށް އިޖާބަދީ، ހުއްޓުވައި، އަދި އެފަދަ ކުށްތައް މަދު ކުރުމަށެވެ. މި ސެންޓަރު ގާއިމުކުރެވިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސް (ޔޫއޭއީ) ގެ އެހީތެރިކަމާއެކުގައި ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

މިއީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ހެއްކެއްގެ ގޮތުގައި ނަވީން ވަނީ ސިފަކުރައްވާފައެވެ. އަދި ދީލަތި އެހީތެރިކަމާއި، ސްޓްރެޓެޖިކް މަގުދެއްކެވުމާއެކު ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިކުރުމުގެ މިޝަނަށް ޔޫއޭއީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ ކުރައްވާ އިތުބާރު ފާހަގަކުރައްވައި ސީޕީ ނަވީން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ހަމަ އެހެންމެ މި މަޝްރޫއު ހަގީގަތަކަށް ހެއްދެވުމުގައި ވެދެއްވި އެހީތެރިކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާނަށް ވެސް ސީޕީ ނަވީން ޝުކުރުދެންނެވިއެވެ.

މި ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު އިފްތިތާހު ކުރެވިގެން ދިއުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ޒަމާނީކުރުމަށާއި، ދުނިޔޭގައި އަބަދުވެސް ބަދަލުވަމުންދާ ސައިބަރ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް