ބަންޑާރަ ނާއިބު އުޝާމް-
ބަންޑާރަ ނާއިބު އުޝާމް-
ބަންޑާރަ ނައިބުގެ އޮފީހުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.

މި އިސްލާހުގައި ވަނީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާއަށް އިސްލާހު ހުށަހަޅާފައެވެ. ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ބެހޭ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައިވާއިރު، އިސްލާޙުގައި ބުނެފައިވަނީ، އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ވަޒީފާއިން މުސްކުޅިކުރުމުން ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށެވެ. އަދި މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމާ ބެހޭ މާއްދާ އުނިކުރުމަށްވެސް އިސްލާހުގައިވެއެވެ.

މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި، ބަންޑާރަނައިބުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލާއި ބަންޑާރަނައިބުގެ އޮފީޙުގެ އެހެން މުވައްޒަފުން ހިމެނޭގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ މަޤާމުތައް ތަރުތީބުވެފައިވާ ގޮތުގެ އޮނިގަނޑު އެކުލަވާލާނީ ބަންޑާރަނައިބު ކަމަށެވެ. އަދި އެފަދައިން އެކުލަވާލާ އޮނިގަނޑަށް އަމަލުކުރަން ފަށަންވާނީ، އެ އޮނިގަނޑު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުމަށްފަހު ކަމަށެވެ.

މީގެއިތުރުން ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަންވާނެ ކަމަށް ޤާނޫނުގައި އޮތްއޮތުން ބަދަލުކޮށް އެއީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ހެދުމަށް ވެސް ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ތަސްދީގުކުރައްވާފައިވަނީ މިއަހަރު މެއި 29 ވަނަ ދުވަހުއެވެ. މި ޤާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޤާނޫނު ތަސްދީގު ކުރިދުވަހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ބަންޑާރަނައިބުގެ އޮފީހަކީ ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު