މަޖިލީހުގެ ޕެޓިޝަން ކޮމިޓީ ބައްދަލުވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޕެޓިޝަން ކޮމިޓީ ބައްދަލުވުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ދަރިވަރުންނާ އޮންލައިންކޮށް ބައްދަލުކުރެއްވުމުގެ އިތުރުން، ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ފިނޭންސް މިނިސްޓްރީއާވެސް ބައްދަލުކުރެއްވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ފިނޭންސް މިނިސްޓްރީން ލަފާދެއްވީ ވަކި ދަރިވަރުންތަކަކަށް ހައްލު ހޯދައިދިނުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު އެކުލަވާލާފައިވާ އުޞޫލުތަކުގެ ތެރެއިން ހައްލު ހޯދައިދިނުމަށް ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސްޕެއިން ވިސާ ހޯދުމަށްވެސް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށް ހޯމް މިނިސްޓްރީއާއެކު މަޝްވަރާކުރުމުން، އެ މިނިސްޓްރީން މިކަމަށް ކޮންމެވެސްވަރެއްގެ ހައްލެއް ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް، މިނިސްޓްރީ މެދުވެރިކޮށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވާ، ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ވިސާއަށް އެދި ހުށައެޅުމަށް ވިސާގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްކަމުގައިވާ ބީއެލްއެސް އިންޓަރނޭޝަނަލްގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުން ދުރާލާ އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސްޕެއިންގައި ކިޔަވާ ދަރިވަރުންނާ މުޢާމަލާތުކުރުމަށް ވަޓްސްއެޕް ނަންބަރެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށެވެ.

މިވަގުތު ސްޕެއިންގައި 127 ދަރިވަރުން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ. މި ދަރިވަރުންގެ ތެރެއިން އިތުރު ފައިސާ ބޭނުންވެގެން ޓޮޕް އަޕް ލޯން ސްކީމަށް 72 ކުއްޖަކު ހުށައެޅި ކަމަށާއި، އޭގެ ތެރެއިން ޝަރުތު ހަމަވާ 52 ދަރިވަރުންނަށް 7 ލައްކަ ރުފިޔާ ދޫކުރުމަށް ނިންމަވާފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް