މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމުގެ ބިލް ދެވަނަ ފަހަރަށް މަޖިލީހަަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މަޖިލީހަށް ބިލު ހުށަހެޅުއްވި އަބްދުލްހަންނާން ދެވަނަ ފަހަރަށް ހުށަހެޅުއްވި ބިލު ވެސް އޮތީ ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒު މީޑިއާތަކަށް ފޯރުވައި، މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށެވެ.

އެގޮތުން، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރަކު ކޮމިޝަނުގައި ހިމަނާގޮތަށް ބިލުގައި ހިމަނާފައިވެއެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ނޫސްތަކާއި މީޑިއާތަކަށް ފިޔަވަޅު އެޅޭގޮތަށް އޮތްއިރު މީޑިއާއަކުން ކުރާ ގާނޫނާ ހިލާފު މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާނަމަ އެ މީޑިއާއެއްގެ ރަޖިސްޓްރީ ވަގުތީގޮތުން ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ދީފައިވެއެވެ.

އޭގެ އިތުރުން މީޑިއާތަކުން ކުރާ ގާނޫނާ ހިލާފު ކަންކަމުގެ އަދަބެއްގެ ގޮތުން ފަސްހާހާއި އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ހިމަނާފައިވެއެވެ. ބިލުގައި ބުނެފައިވަނީ މި ބިލް ފާސްވުމުން މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލެވޭނެކަމަށެވެ.

މި ބިލު ކުރިން ވެސް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް، ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ މީޑިއާތައް މިހާރަށްވުރެ މިނިވަން ވާންކަމަށާއި އެ ބިލުގައި އޮތީ އެ މަނިކުފާނު ގަބޫލުކުރައްވާ ސިޔާސަތުތަކެއް ނޫން ކަމަށާއި އެ ބިލު މަޖިލީހުން ބޭރުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އޭގެފަހުން އެ ބިލު ވަނީ އަނބުރާ ގެންގޮސްފައެވެ.

މި ބިލްގައި ހިމަނާފައިވާ ގިނަ ކަންކަމަކީ މިހާރުވެސް ބްރޮޑްކާސްޓިން ކޮމިޝަނަށް ލިބިދީފައިވާ ބައެއް ބާރުތައްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު