ރައީސް ނޫސްވެރިންނާ އެކު
ރައީސް ނޫސްވެރިންނާ އެކު
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ވަނީ މި އުސޫލު ގެޒެޓުގައި އާންމު ކޮށްފައެވެ.

މި އުސޫލުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާން ކޮށްފައިވެއެވެ. އެގޮތުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް، ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަން އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އުސޫލުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަހަރަކު އެއްފަހަރު ކަމާ ގުޅޭ އިދާރާއިން ހުޅުވާލާނެއެވެ. އަދި ޝަރުތު ހަމަވާ މީޑިއާތަކަށް ހަމަޖެހިފައިވާ ފޯމިއުލާއަކުން ފައިސާ ދޫކުރަމުން ދާނެއެވެ. އެގޮތުން ފުރަތަމަ ދޫކުރާނީ މުޅި ޖުމުލަ އަދަދުގެ 50 އިންސައްތަ ކަމަށާއި އަހަރުގެ ދެން އޮތް ދުވަސްތަކުގައި ފައިސާ ދޫކުރާނީ ބާކީ ފަންސާސް އިންސައްތަ ދެ ބަޔަކަށް ބަހާލައިގެންކަމަށް އުސޫލުގައިވެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލި އުސޫލެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު