ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް
ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް
ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ސަރުކާރުން ނިއްމީ އެކުންފުންޏަށް ލިބުނު ގެއްލުމަށް ބަލާފައި ކަމަށް ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ނިންމުމާއި ގުޅިގެންނެވެ. މީސްމީޑީއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިލާގެ ޗެއާމަން ޤާސިމް އިބްރާހިމް ވިދާޅުވީ ވިލާ ކުންފުނިން ހުށައެޅި ޕްރޮޕޯސަލަށް ކާޑެއްދޫ އެއާޕޯޓް ދޫކޮށްލީ އެތަނުން ވިލާ އެއާ އާއި ސަރުކާރަށް ލިބޭ ގެއްލުން ބޮޑުކަމުން ކަމަށެވެ.

ޤާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ދޫކޮށްލުމުން ސަރުކާރުން ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ވިލާ ކުންފުންޏަށް ލިބުނު ގެއްލުމާއި އެތަނަށް ކުރި އިންވެސްޓްމަންޓަށް ބަލާފައި ކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓް ދޫކޮށްލަނީ އަވަސް މުއްދަތެއްގައި އެތަނަށް އިންވެސްޓް ކުރެވެން ނެތުމުން ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދީމަ ލިބޭނެ ފައިދާގެ ބޮޑު ކަން ވެސް އެނގި ތިބެ ސަރުކާރަށް ދޫކޮށްލީ،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ކާޑެއްދޫ އެއާޕޯޓާއި ގުޅޭގޮތުން ހުށައެޅުނު މައްސަލައެއްގައި ވާހަކަފުޅު ދައްކަވަމުން ވިލާގެ ޗެއާމަން ޤާސިމް އިބްރާހިމް މީގެކުރިން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓު ވެސް ހިންގަނީ ވަރަށް ބޮޑު ގެއްލުމާ ކުރިމަތިލަމުން ކަމަށެވެ. ކާޑެއްދޫ އެއާޕޯޓުގެ ޖެނެރޭޓަރުތަކުގައި މައްސަލަ ޖެހުމުން ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ ކަމާއި ރަންވޭ މަރާމާތު ކޮށްފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

"ހަގީގަތަކީ ވަރަށް ކުޑަ އެއްޗެއް ލިބެނީ، ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިވެސް ނުލިބޭ, އަދި ލިބޭ އެއްޗެއް ވެސް އޮންނަނީ ޕެންޑިންގައި ނުލިބި. އެހެންވުމުގެ ސަބަބުން ކޮންމެ މަހަކު ވެސް ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ޚަރަދުކުރަން ޖެހޭ،" ގާސިމް އޭރު ވިދާޅުވިއެވެ.

ކާޑެއްދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމާއި ތަރައްޤީކުރުމުގެ އެންމެ ފުރަތަމަ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ކުރީގެ ރައީސް ޔާމީން ވެރިކަމުގައި، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު އެ އެއްބަސްވުން ވަނީ ބާޠިލުކޮށްފައެވެ. މި އެއްބަސްވުން އަލުން އައުކޮށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާއި ހަވާލު ކުރީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2022 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު