އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ވަޒީފާގެ ބިރުވެރިކަން އިއާދަކޮށް ހުދުމުހުތާރު ވެރިކަމެއް ގާއިމު ނުކުރެވޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށާއި، ރައީސް ޑރ . މުހައްމަދު މުއިއްޒުއަށް ފާޑުކިޔައި ކުރި ޕޯސްޓަކާ ގުޅިގެން އެމްއޭސީއެލްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްގެން އެމްއޭސީއެލްގެ ވަޒީފާއިން އެ މުވައްޒަފު ވަކިކުރުމަކީ މި ސަރުކާރުން ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އަދި ދޮގު ތުހުމަތުތަކެއް އުފައްދައި އޭގެ މައްޗަށް ޒުވާނެއްގެ ވަޒީފާ ގެއްލުވާލުމަކީ ސަރުކާރުގެ އަނިޔާވެރިކަން ހައްދުން ނެއްޓިފައިވާކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ވަޒީފާގެ ބިރުވެރިކަން އިއާދަކޮށް ހުދުމުހުތާރު ވެރިކަމެއް ގާއިމެއް ނުކުރެވޭނެ ކަމަށެވެ. އަދި ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް ފާޑުކިޔައިގެން އެމްއޭސީއެލްގެ މުވައްޒަފެއް ވަޒީފާއިން ވަކިކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ފަލާހު، ނޫސްވެރިން "އުލުބައިންދަން" (އެބަހީ، އުލަށް އަމުނައި މަރާލަން) ގޮވާލި ގޮވާލުމާ ގުޅިގެން، އެކަން ކުށްވެރިކުރި ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެގޮތުން މި މައްސަލައިގައި ވަޒީފާއިން ވަކިކުރީ މިނިސްޓްރީ އޮފް ސްޕޯޓްސްގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ސައީދު (ކޭޑު) އެވެ.



ކިޔުންތެރިންގެ ހިޔާލު