އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުން ކުރިމަތިލާން އެ ޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އެމްޑީޕީ މެންބަރުންނަށް ސެޕްޓެންބަރު 30 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކުރާ ކެންޑިޑޭޓުންނަށް އެކަނި ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީ ބާއްވާ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރެވޭނީ

އެމްޑީޕީ މެންބަރުންނަށާއި، ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތުތައް ފުރިހަމަވާ އަންހެނުން ކޮމިޓީއަށްނަމަ އެ ޝަރުތުތައް ހަމަވާ މީހުންނަށެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރާ ފޯމާ އެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށް ފަހު ހުށަހަޅަން އަންގާފައެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރުވާ ގޮތުން އެމްޑީޕީގައި މިވަގުތު ޖުމުލަ 43،675 މެންބަރުން އެބަތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު