އިއްޔެ ފެނިގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރާނަފުޅަށް ނުރައްކާވާގޮތަށް ބަޔަކު އެމަނިކުފާނާއި ދިމާކުރި މަންޒަރު ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް މުޢިއްޒު އިއްޔެ ރައީސް އޮފީހުން ނުކުމެވަޑައިގެން މުލީއާގެ އަށް ހިންގަވާފައިވައި ވަޑައިގެންނެވި މަގުމަތީގައި މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިޔާ ކޮންޓްރޯލް ކުރުމުގެ ބިލާދެކޮޅަށް އެސަރަހައްދުގައި އެވަގުތު އިހްތިޖާޖް ކުރަމުންދިޔަ ނޫސްވެރިންތަކެއް އެމަނިކުފާނު ފަހަތުން ދުވެ ސުވާލު ކުރަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކަމަށް އިޝާރަތް ކުރައްވައި ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، މަގުމަތިން އާންމުންނާ ބައްދަލުކުރައްވައި، ސާދާކޮށް ހުންނަވާ މަންޒަރުތަކަކީ ދިވެހި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ބަލައިގަނެ، ގިނަ ބަޔެއްގެ ހިތްތަކުން ޖާގަ ހޯއްދަވާފައިވާ ސިފައެއް ކަމަށެވެ. އެހެންނަމަވެސް، އިއްޔެ ފެނިގެންދިޔައީ މާލެ މަގުމަތިން ރައީސުލްޖުމްހޫރިއްޔާއަށް ގަނާކޮށް، ފުރައްސާރަކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާގޮތަށް، މަގުމަތިން ދިމާކުރި މަންޒަރު ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލު ހިފުމާއި ޒާތީ ތަޢައްޞަބުން ދުރުހެލިވެ، ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފައި ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޝަރުޢީ ނިޒާމު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ، ވީދެމުންދާ އިޖުތިމާޢި ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ، ޤައުމުގެ ކުރިމަގު އުޖާލާއެއް ނުވާނެ ކަމަށެވެ. މި ޤައުމަށް ސަހަރޯވެރިވެ، ޤައުމު ހަމަ މަގަަށް އަޅުވަން ތިބޭނީ ދިވެހި ރައްޔިތުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު