މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން ކަމަށް އެމްޑީޕީގެ ރައީސް، ޢަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިހާރު އޮތް "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް، ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައި އޮތް "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލަކީ މިނިވަން މީޑިއާ އަށް މި ސަރުކާރުން އަތްބާނައި، ކޮރަޕްޝަނާއި ފަސާދައިގައި މަތިޖެހުމަށް ކުރިޔަށް ގެންދާ ހީލަތްތެރި ބިލެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވިގޮތުގައި މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ މިބިލުގެ މުޅި މަފްހޫމް ބިނާ ކޮށްފައި އޮތީ، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިޔާ ބިލް ބޭރުކުރުމަށް ގޮވާލައްވާފައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލަކީ ސަރުކާރުން މިނިވަން ނޫސްވެރިކަން ކޮންޓްރޯލްކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށާއި އެ ބިލަކީ އިސްލާހު ކުރުމަށް ވުރެ މާ ގިނަ ގޯސްތައް ހުރި ބިލެއް ކަމަށް ބުނެ، ނޫސްވެރިން ގެންދަނީ އިހްތިޖާޖް ކުރަމުންނެވެ. ނޫސްވެރިން ގެންދަނީ ބިލް އަނބުރާ ގެންދިޔުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު