ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މިހާރުގެ ސަރުކާރުން އުޅެނީ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަނެ، ސިއްރުވެރި ދައުލަތެއް ޤާއިމްކުރުމަށް ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖޭގައި އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ފަހުން، ޤައުމަށް ޑިމޮކްރެސީގެ ރޫޙުގައި ކުރިއެރުންތައް އައި ނަމަވެސް، މިހާރުގެ ސަރުކާރުން ދަނީ އެ ކުރިއެރުންތައް ފަހަތަށް ޖައްސަމުން ކަމަށެވެ.

އެގޮތުން މީޑިއާގެ މިނިވަންކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މީޑިއާ ކައުންސިލް މުޅިން މިނިވަން ނުކޮށް، ސެލްފް ރެގިއުލޭޓަރީ މޮޑެލްއަށް ބަދަލުނުކޮށް މިނިސްޓްރީގެ ދައުރެއް އޮންނައޮތުން އެއީ ދުނިޔޭގެ ތަހުޒީބު މުޖުތަމަޢުތަކުގައި އޮންނަ އުސޫލެއް ނޫން ކަމަށެވެ.

"މީޑިއާ ކައުންސިލް މުޅިން އިންޑިޕެންޑެންޓް ނުކުރަން އެބޭފުޅުން [ސަރުކާރުން] އުޅެނީ. އިންތިޚާބުތަކުގައި ވެސް މިނިސްޓަރަކު ނޫނީ މިނިސްޓްރީއެއްގެ ރޯލެއް އޮންނަކަން އެއީ ސުވާލު އުފެދޭ ކަމެއް،" ޑރ. ޝަމްޙީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަމްހީދު ވިދާޅުވީ ޕީއެންސީ ނުވަތަ ޕީޕީއެމްގެ ވެރިކަމެއް އަންނައިރަށް އަބަދުވެސް ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިފައިވާ މިނިވަންކަމާއި ޙައްޤުތަކަށް އަރައިގަނެ، ޤައުމު ފަހަތަށް ޖައްސާލާކަމަށެވެ. ޑިމޮކްރެސީ ކުރިއަށް ގެންދަން ޖެހޭނީ މަޑުމަޑުން، ފިޔަވަޅަކަށް ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި، ކޮންމެ ފަސް އަހަރަކުން މީޑިއާއަށް އިތުރު މިނިވަންކަމެއް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ދެރަވޭ، ޙަޤީޤަތުގައި ވެސް މިއަދު އަޅުގަނޑުމެން މިދަނީ އަނެއްކާވެސް ހަމަ ދެހާސް އަށެއްގެ ވެސް ފަހަތަށް، އެއަށްވުރެ ވެސް ފަހަތަށް،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަމްޙީދު ވިދާޅުވީ މައުލޫމާތު ދިނުމާއި މައުލޫމާތު ހާމަކުރުމަކީ މި ސަރުކާރު ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު މަޖިލީހުގައި ބަހުސްކުރަމުންދާ މީޑިއާ ބިލަކީ ނޫސްތަކުގެ މިނިވަންކަމަށް ހުރަސްއަޅައި، ޚަބަރު ލިޔުން ހުއްޓުވުމަށް އޮތް ބިލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"މިއުޅެނީ ހަމަ ސިއްެރު ދައުލަތެއް ހިންގުމުގެ ކުލަވަރު އަޅުގަނޑުމެންނަށް މިފެންނަނީ، އަޅުގަނޑުމެންނަކަށް ނޭނގޭ 2028 އަންނައިރު މިބޭފުޅުން ހަޤީޤަތުގައި މިޤައުމު ގެންދަނީ ކޮންދިމާލަކަށް ކަމެއް، އަޅުގަނޑު ބިރު ގަންނަނީ އެކަމަށް، އެހި ހިސާބަށް އަޅުގަނޑަށް ހީވަނީ ޕްލޭނެއްގެ ދަށުން 2028 އަންނަންވާއިރަށް ޕްލޭނެއްގެ ދަށުން ކުރަމުންދާ ކަންތައްތަކެކޭ މިއީ ހަމަ ސްޓެޕްބައި ސްޓެޕް، އޭގެތެރެއިން އެއް ސްޓެޕް އަކީ މީޑިޔާ ބިލް،" އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރަށްވާފައިވާ ޑރ. ޝަމްޙީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ ކިތަންމެ ދެކޮޅު ހެދިއަސް ސަރުކާރުން ބޭނުންވާ ގޮތަށް މީޑިޔާ ބިލް ވެސް ފާސްކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު