ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ޗައިނާއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ޤައުމުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު ފާހަގަކުރާ އެ ޤައުމުގެ ވިކްޓަރީ ޑޭގެ މުނާސަބަތުގައި ބޭއްވޭ ޚާއްޞަ ހަފްލާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޚާއްޞަ ދަޢުވަތަކަށެވެ.

އަންނަ ސެޕްޓެމްބަރު 3 ވަނަ ދުވަހު ބީޖިންގގެ ޓިއަންމެން ސްކުއަރ އަދި ޗަންގްއަން އެވެނިއުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުހިންމު ރަސްމިއްޔާތަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއިން ޖަޕާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގް-އުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ބައްދަލުކުރައްވާނެ ކަމަށް މީޑިޔާ ރިޕޯޓް ތައް ބުނެއެވެ.

ޖުމްލަ 26 ޤައުމެއްގެ އިސްވެރިން މި ރަސްމިއްޔާތަށް ޗައިނާއަށް ވަޑައިގަންނަވާނެކަން ޗައިނާގެ ރަސްމީ ފަރާތްތަކުން ވަނީ އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި އޭޝިއާގެ ގިނަ ޤައުމުތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރޭގައި ކެމްބޯޑިއާގެ ރަސްގެފާނު ނޮރޮޑޮމް ސިހާމޮނީ، ވިއެޓްނާމްގެ ރައީސް ވޯ ވަން ތުއޯންގް، ލާއޯސްގެ ރައީސް ތޮންގްލޫން ސިސޫލިތު، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އަދި މެލޭޝިއާގެ ބޮޑުވަޒީރު ޑާޓޯ ސެރީ އަންވަރު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މެދު އޭޝިއާގެ ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ކަޒަކިސްތާން، އުޒްބެކިސްތާން، ތަޖިކިސްތާން، ކިރްގިސްތާން އަދި ތުރުކުމެނިސްތާންގެ ރައީސުން ހިމެނިވަޑައިގަންނަވައެވެ. އަދި ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ އާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ވެސް ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ވަނީ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު