ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އަވަހާރަވެއްޖެ އެވެ.

އެމްޔޫ މަނިކް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ. އޭނާ އަކީ ޔުނިވާސަލް އެންޓަޕްރައިސްގެ އެއް ހިއްސާދާރެވެ.

ޔުނިވާސަލް އެންޓަޕްރައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެއް ކަމަށެވެ. އަދި އެތައް ބަޔަކަށް މަގު ދެއްކެވި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށް ޔުނިވާސަލްގެ ބަޔާނުގައި ބުނެފައިވެއެވެ.

2011 ވަނަ އަހަރު އެމްޔޫ މަނިކަށް ދިވެހި ދައުލަތުގެ އިއްޒަތް އަރުވާފައިވާއިރު އޭގެ ކުރިން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ސަރުކާރުން ވަނީ ދީފައެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން ހިދުމަތުގެ އިނާމާއި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް އެމްޔޫ މަނިކަށް ލިބިވަޑައިގެންނެވި އެވެ.

އެމްޔޫ މަނިކު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަންގެ މަގާމާއި، ޔުނިވަރސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންގެ މަގާމު އަދާކުރަށްވާފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ފެށުމުގައި އެމްޔޫ މަނިކު އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. އެގޮތުން 1972 ވަނަ އަހަރު މާލެއަތޮޅު ވިލިނގިލީގައި ހުޅުވި ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ރިޒޯޓް ކަމުގައިވާ 30 ކޮޓަރީގެ ރިޒޯޓް ތަރައްޤީކުރުމުގައި އެމްޔޫ މަނިކު މުހިންމު ދައުރެއް އޮތެވެ. އަދި ހަމަ އެ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންނަށް އެކަށީގެންވާ އިންތިޒާމުތައް ހަމަޖެއްސެވުމުގައިވެސް އެމްޔޫ މަނިކު އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތެވެ.

މީގެއިތުރުން، 1986 ވަނަ އަހަރު ކުރުނބާ ވިލެޖް ރިޒޯޓް އަލުން ތަރައްޤީކުރައްވައި، ދިވެހިރާއްޖޭގެ ފުރަތަމަ ފަސްތަރި ރިޒޯޓަށް ބަދަލުކުރެއްވުމުގައިވެސް އެމްޔޫ މަނިކުގެ އިސް ދައުރެއް އޮތްކަން ފާހަގަކުރެވެއެވެ.

އެމްޔޫ މަނިކުގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށްފަހު، ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގައެވެ.



ކިޔުންތެރިންގެ ހިޔާލު