ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ، ކޮލިގޭ މުޙައްމަދު ޢުމަރު މަނިކު (އެމް.ޔޫ. މަނިކު) ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރަށްވާފައިވަނީ ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމްޔޫ މަނިކް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ. އެމްޔޫ މަނިކަކީ ޔުނިވާސަލް އެންޓަޕްރައިސްގެ އެއް ހިއްސާދާރެވެ.

ރައީސް މުޢިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. ރައީސް މުޢިއްޒު ވަނީ، ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެމް.ޔޫ. މަނިކު ކުރެއްވި މަސައްކަތްޕުޅުތަކަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް ކަމުގައި ސިފަކުރައްވާފައެވެ.

އަދި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމްޔޫ މަނިކު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ އެތައް ބަޔަކަށް މަގު ދެއްކެވި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.

އެމްޔޫ މަނިކުގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށްފަހު، ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގައެވެ.



ކިޔުންތެރިންގެ ހިޔާލު