ދިވެހީންގެ މުސްތަޤްބަލުގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގައި އިންޖިނޭރުންގެ ދައުރު މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހީންގެ މުސްތަޤްބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި، އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެއީ، ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެކެވެ. ޤައުމީ ތަރައްޤީއަށްޓަކައި އިންޖިނޭރުންގެ ހުނަރާއި މަސައްކަތްތަކަކީ ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިންޖިނޭރުކަމަކީ ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްޞަ ހުނަރެއް ކަމުގައި ސިފަކުރައްވާފައެވެ.

ޤައުމުގެ ބިންގާ އެޅުމާއި، އުމްރާނީ ތަރައްޤީގެ ކޮންމެ މަރުހަލާއެއްގައިވެސް އިންޖިނޭރުންގެ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، ރައީސް ވަނީ ދިވެހީންގެ ދިރިއުޅުން ރަނގަޅުކޮށް، ކުރިއެރުމަށް މަގުފަހިކޮށްދިނުމުގައި އިންޖިނޭރުންގެ އަސާސީ ރޯލުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ދިވެހިރާއްޖޭގައި ފާހަގަކުރާ ފުރަތަމަ އިންޖިނޭރުންގެ ދުވަހުގެ ތަހުނިޔާ ރައީސް ވަނީ އެކި ދާއިރާތަކުގަައި މަސައްކަތް ކުރެއްވި އަދި ކުރައްވާ ހީވާގި ދިވެހި އިންޖިނޭރުންނަށް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު