ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ރައީސް މުޢިއްޒު އެގައުމަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް އެމަނިކުފާނަށް ވަނީ ދަންނަވާފައެވެ.

ރައީސް މުޢިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ، ޗައިނާގެ މިނިސްޓަރ އޮފް އެމަޖެންސީ މެނޭޖްމަންޓް ވާންގ ޒިޔާންގޒީ، ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާ އެވެ.

ރައީސް މުޢިއްޒަށް މަރުހަބާ ދެންނެވުމަށް ބެއިންޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮނަރގާޑެއް އެރުވުމުގެ އިތުރުން ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް މުޢިއްޒު ޗައިނާއަށް ވަޑައިގަތީ ސެޕްޓެމްބަރު 3 ވަނަ ދުވަހު ފާހަގަކުރާ ޗައިނާގެ ވިކްޓަރީ ޑޭގެ ހަރަކާތްތަކުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަށެވެ. މި ރަސްމިއްޔާތަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއިން ޖަޕާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 26 ޤައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު