އެމްޔޫ މަނިކު ( ކަނާތް ފަރާތު) އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް (މެދުގައި) އާއި ޗަމްޕާ އަފީފް (ވައަތް ފަރާތު)
އެމްޔޫ މަނިކު ( ކަނާތް ފަރާތު) އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް (މެދުގައި) އާއި ޗަމްޕާ އަފީފް (ވައަތް ފަރާތު)
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފެށުމުގެ ބާނީ، ނިިމިފައިނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްހޫމް މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމަކީ ދިވެހި ޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިގްތިޞާދިއްޔަތުގެ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތު ރާއްޖެއަށް ތަޢާރަފުކޮށް، ދިރުވައި، ޢާލާކޮށް، ތަރައްޤީކޮށް، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެއްދެވުމުގެ އެއްބާނީ ކަމުގައިވާ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރުހޫމް މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމުގެ ހިތާމައިގައި ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުން ބައިވެރިވާ ޙާލު، މަރުހޫމްގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.

އެމަނިކުފާނަކީ މިކުޑަކުޑަ ދިވެހިރާއްޖެއަށް މާތްﷲ މިންވަރުކުރެއްވި ގުދުރަތީ ރީތިކަމާއި ފުރިހަމަކަމުން، މި ޤައުމަށް ނަފާހޯދޭނެކަން ސާބިތުކޮށްދެއްވުމުގެ އީޖާދީ މަސައްކަތްޕުޅު ކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޙިކުމަތްތެރިކަމުގެ ލާމަސީލު ނަމޫނާ ބޭފުޅެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ. އަދި ދިވެހިރާއްޖެ މިއަދު މިދެކޭ އިގްތިޞާދީ ތަނަވަސްކަމުގެ އެންމެ މުހިއްމު އެއް ޙިއްސާދާރަކީ ވެސް އެމަނިކުފާނު ކަމުގައި ޖުމުހޫރީ ޕާޓީގެ ބަޔާނުގައިވެއެވެ. ޖުމްހޫރީ ޕާޓީން ބުނިގޮތުގައި، އެފަދަ މަތިވެރި ކާމިޔާބީއެއް ދިވެހީންނަށް ހޯއްދަވައިދެއްވި ވިޝަނަރީ ލީޑަރަކު އަވަހާރަވުމަކީ، ދިވެހިރާއްޖެއަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. އެމަނިކުފާނު ދިވެހިޤައުމުގެ ހެވާއި ލާބައަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަކީ ދިވެހި ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ޚިދުމަތްތަކެއް ކަމަށް އެބަޔާނުގައި ބުނެއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ޖުމްހޫރީ ޕާޓީން ވަނީ އަލްމަރުހޫމް މުޙައްމަދު ޢުމަރު މަނިކުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވައި، އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާފައެވެ.

އެމްޔޫ މަނިކް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ.



ކިޔުންތެރިންގެ ހިޔާލު