ޗައިނާ އާ އެކު އޮތް ގުޅުމަކީ ހެޔޮކަމުގެ މައްޗަށް އެކުލެވޭ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޝީޖިން ޕިން އާ ބައްދަލުކުރެއްވުމަށްފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެެވެ. ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވޭ ގުޅުމެއް ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް އޮތްތަނުުގައި ދެގައުމުން އެކީ މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ބައްދަލުވުމުގެ ތެރެއިން ދެގައުމުގެ ދޭދޭ ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއަށް ގެންދެވިފައިވާކަން ރައީސް ވަނީ ފާހަަގަކުރައްވާފައެވެ. އަދި ޗައިނާއަަށް ރައީސް ވަޑައިގަތުމުން އެ ގައުމުން ދެންނެވި ހޫނު މަރުހަބާއަށް އެމަނިކުފާނު ވަނީ ޗައިނާގެ ރައީސް އަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭން ކަނޑައަޅާފައިވާ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޝީ ޖިންޕިން ވަނީ ދެއްވާފައެވެ. ރައީސް މުޢިއްޒު ޝީ އާ މިއަދު ބައްދަލުކުރައްވައި، ދެ ލީޑަރުންގެ މެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ދެ ރައީސުންގެ މެދުގައި މަޝްވަރާކުރި މުހިންމު ދާއިރާތަކުގެ ތެރޭގައި އިގުތިސާދު، ވިޔަފާރި، އިންވެސްޓުމަންޓު އަދި ސަލާމަތާއި ރައްކާތެރިކަން ހިމެނޭކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު