ޑީޖީއޭ އޮފީސް-
ޑީޖީއޭ އޮފީސް-
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މޫނު ބުރުގާ އެޅައިގެން މަސައްކަތް ކުރެވޭގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅައިފިއެވެ.

ޑީޖީއޭއިން ނެރުނު ސާކިއުލާއެއްގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ހެދުން އެޅުމާ ގުޅޭ ގޮތުން އޮތް މާއްދާ އަލުން އެކުލަވައިލައި އާންމުކޮށްފައިވާ ކަމަށެވެ.

އެ މާއްދާގައި މީގެ ކުރިން އޮންނަނީ، ޝައުރީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީން ވާން ޖެހޭ ޚިދުމަތަކަށް ވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުއާމަލާތް ކުރާ މީހަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ކަމަށެވެ. އެހެންވެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށް އެ މާއްދާގައިވެއެވެ.

މި މާއްދާއަށް އިތުރު ބައެއް އިތުރުކޮށް މިހާރު ބަޔާންކޮށްފައި ވަނީ މޫނު ބުރުގާ އެޅުމަށް މުވައްޒަފުންނަށް ހުރަހެއް ނެތް ކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން، އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ މާއްދާއަށް ގެނައި އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ކޯޓުތަކާއި އިދާރާތަކުން އަމަލުކުރަމުން ގެންދިއުމަށް ޑީޖޭއޭއިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު