މުޙައްމަދު ނާޖިޙު   1 ސެޕްޓެމްބަރު 2025 - 13:19
ފުލައިޓުގައި އަހަރެން އިށީންނަންޖެހޭ ސީޓާ ޖެހިގެން ކަނާތްފަރާތު ވިންޑޯ ސީޓުގައި ހަށަން ބަނދެލައިގެން އިށީނދެ ބޭރުބަލަން މިއިނީ ދުވަސްވީ އަންހެނެކެވެ. މީގެކުރިންވެސް ކޮންމެވެސް ތަނަކުން އޭނާއާ ބައްދަލުވެ ވާހަކަ ދައްކަން ފުރުސަތު ލިބުނު މީހެކެވެ. އެހެންވީމާ ދެމީހުންނަށްވެސް އެކަކު އަނެކު ރަގަޅަށް އެނގޭނެއެވެ. އިށީނުމުގެ ކުރިން އޭނާގެ ސަމާލުކަން ގެނައުމަށްޓަކައި އަހަރެން ސަލާން ގޮވާލީމެވެ. ގޮނޑީގައި ކުޑަކޮށް ހަމަޖެހިލަމުން ހިނިތުންވުމާއެކު އޭނާ ސަލާމުގެ ޖަވާބުދިނެވެ. އެއަށްފަހު އަހަރެން އޭނާގެ ހާލުއަހުވާލު ބަލާލީމެވެ. [ދެން ހުރިހާކަމަށްވެސް ދާނީ ރަގަޅަށް] އޭނާ ޖަވާބު ދިނެވެ. އަހަރެން ހީލީމެވެ. އޭނާގެ މޫނުމަތިން ކުރިން ފެންނަ ކަހަލަ މާޔޫސްކަމުގެ އެއްވެސް ނިޝާނެއް މިހާރަކު ނުފެނެއެވެ. އޭނާގެ ދެ ފިރިހެން ކުދިން ތިބޭކަން އަހަރެންނަށް އެނގެއެވެ.

ގަޑިއެއްހާއިރުގެ މިދަތުރު ފެށިއްޖެއެވެ. އަހަރެން ކުރަމުންދިޔަ ސުވާލުތަކަށް އުފާވެރި މޫޑެއްގައި އަންހެންމީހާ ޖަވާބު ދެމުން ދިޔައެވެ. ދޮއްޓަށް ހުރި ކުއްޖާއާ ބެހޭ ގޮތުން އަހަރެން ސުވާލު ކޮށްލީމެވެ. ޖަވާބުދިނުމުގައި އޭނާގެ މޫނުމަތިން ފެނުނު އަޖައިބެއްކަހަލަ އުފާވެރިކަމުގެ ސަބަބުން އަހަރެން މުޅިން ހައިރާންވިއެވެ. ހަމައެއާއެކު ސުވާލުތަކެއް އަހަރެންގެ ހިތުގައި އުފެދިގެން ވެސް ދިޔައެވެ. އޭނާގެ ވާހަކަ ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ. އޭނާ ވޭތުކުރަމުންދިޔަ އެކަނިވެރި ދިރިއުޅުމާއި އެކަނިވެރި މައެއްގެ އިހްސާސްތަކާއި ހިތްދަތި އެތައް ރޭތަކާއި ދުވަސްތަކަކީ އޭނާގެ ދުލުން މީގެ ކުރިންވެސް އަހަރެން ގާތު ދައްކާފައި ހުރި ވާހަކަތަކެއް ކަމުން މިވާހަކަތައް އަޑުއަހާލުމަކީ އޭނާއަށް ލިބޭނެ ހިތްހަމަޖެހުމެއްކަން ޔަޤީނެވެ. ނަމަވެސް މިއަދު އޭނާގެ ވާހަކަ ތަފާތެވެ. ރާގުވެސް ތަފާތެވެ. އަސަރުވެސް ތަފާތެވެ. ޝައުގުވެރިކަމާއެކު އަޑުއަހަން އިނީމެވެ.

ފުލައިޓުންދޭ އެއްޗެއް ކައިބޮއިގެން އެންމެން ހަމަޖެހިލައިފިއެވެ. އަންހެންމީހާ ވެސް މިހާރުވަނީ ލޮލަކަށް ޖެހިފައެވެ. އެންމެން ތާއްޔާޖެހިފައި ތިއްބަސް އަހަރެންގެ ކިބައިގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ސަބަބަކީ ކައިރީގައި މިއިން އަންހެންމީހާގެ ދިރިއުޅުން އަހަރެންނަށްވެސް އިބުރަތަކަށްވާތީ އެހަނދާންތަކުގެ މައްޗަށް އަހަރެންގެ ޚިޔާލާއި ފިކުރު ހުށަހެޅިގެން ދިއުމުންނެވެ. އޭނާގެ ފިރިމީހާއާ ދިމާއަށް ބުނެފައިވާ ޖުމްލައެއްގެ ފުން މާނަތަކާއި އެ ޖުމްލައިގެ ފަހަތުގައި ބަރުދާސްތު ކުރަމުންދިޔަ އަނދިރި ދިރިއުޅުމުގެ މައްޗަށެވެ.

މިއީ ދެ ފިރިހެން ކުދިންގެ މަންމައެވެ. މިކުދިންގެ ބައްޕަ ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް ދަރިން ވަނީ ޔަތީމުކަމުގެ ސިފަޖެހިފައެވެ. ދެކުދިން ބަލަހައްޓައި އެކުދިންގެ ކަންކަން ކުރަނީ މި މަންމައެވެ. އެއްވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނެތިއެވެ. ބަދިގޭގައި ގުޅަ ބަޖިޔާ ހަދައިގެން ގޮސް ކައިރީގައި ހުރި ފިހާރައަށް އެތަކެތި ވިއްކައިގެން ލިބޭ އާމްދަނީން ދެކޮޅުޖެއްސޭތޯ ބަލައެވެ. ދެކުދިން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކުދިންގެ ހިތަށް ދަތިވެދާނެ އެއްވެސް ކަމެއް މި މަންމަ ނުކުރެއެވެ. ހަރުކޮށް ބަހެއްވެސް ނުބުނެއެވެ. ލިބުނު އެއްޗެއް ކުދިންނަށް ހޯދައިދެއެވެ. ބައްޕަގެ އެހީތެރިކަން ނުލިބުމާއެކު އާމްދަނީ ހޯދުމަށާއި ގޭތެރޭގެ ކަންކަން ކޮށްލުމަށް ވަގުތު ހުސްކުރަން ޖެހެނީ ދަރިން މަސަލަސްކޮށްގެން ކަމުގައިވާތީ، އަބަދުވެސް ދެކުދިން އެދޭކަންކަން ކޮށްދިނުމަށް މަޖުބޫރުވެއެވެ.

ދެކުދިން ބޮޑުވަމުން ދިޔަވަރަކަށް މަންމަގެ ތަރުބަވީ ހިޔާވަހިކަމާ ދަރިން ފެއަށް ޖެހެން ފަށައިފިއެވެ. މީގެ ތެރެއިން ދޮށީ ދަރިފުޅު މަގުމަތިން އެކުވެރިން ހޯދައިފިއެވެ. ސްކޫލު ދައުރު ނުނިމެނީސް ކިޔެވުންވެސް ހުއްޓަލައިފިއެވެ. އުޅުމާއި އަހުލާގަށް ބަދަލުތަކެއް އަންނަނީ އެހާ އަވަހަށެވެ. ގެއަށް އަންނައިރު ދުވާ ބިޑިސުއްޓާވަހުން މަންމައަށް އެހާ އުދަނގޫ ވެއެވެ. ފެންނުވަރާ އެތައް ދުވަހަކު ހުރެދާނެއެވެ. އެއްދުވަހު ގެއަށް އައިސް ވަންއިރު ގައިން ދުވިވަހަކުން ހިތްހަމަނުޖެހިގެން އެއްޗެއް ބުނުމުން އައި ރުޅީގައި އެދިޔައީ ނުވެސް ކައެވެ. އެރޭ ގެއަށް ނިދަންވެސް ނާދެއެވެ. ދެން މަންމައަކަށް ވެސް ނުނިދުނެވެ. މަންމަގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ވިސްނާވިސްނާ ފިކުރު ބޮޑުވެ، ހާސްވެ ރޭގަނޑުގެ ކަނުއަނދިރީގައި އެކިތަންތަނަށް ދުވެ ދަރިފުޅު ފެނޭތޯ ހޯދިއެވެ.

ކުދިންގެ ބައްޕައާ ކައިވެނިކޮށްގެން އުޅުނަސް އެ ބައްޕަ މިހާރު އުޅެނީ އެހެންމީހަކާވެސް ކައިވެނިކޮށްގެންނެވެ. ގެއަކަށް ނާދެއެވެ. ފިރިމީހާ އެހެންމީހަކާ ކައިވެނިކުރަން އުޅުމުން ދެމީހުންގެ މެދުގައި ޖެހުނު އެއްތައް މައްސަލަތަކާއި ކުރެވުނު ޒުވާބާއި ލިބުނު އަނިޔާތަކާއި ވޭންތަކުގެ ހިތާމަތަށް އަދި ފިލައި ނުދެއެވެ. ފިރިމީހާ ދިއުމުން ލިބުނު ވޭނުން އަރައިނުގަނެވެނީސް އަނެއް ވޭން ތަހައްމަލުކުރަންޖެހުނީއެވެ. ދަރިންނަށް ހެވަށް އެއްޗެއް ބުނެފައިވެސް ތަހައްމަލުކުރަން މި ޖެހެނީ ހިތާމައެވެ. އެހެން ނުބުނެވުނުނަމައޭ ހިތަށްއަރާކަހަލައެވެ. ދެދުވަސް ތިންދުވަސް ފަހުން ދަރިފުޅު ގެއަށް އައެވެ. ހުރީ ރުޅިއަސްފައެވެ. އަނގައަކުން ނުބުނެއެވެ. މާއާފަށް އެދެންޖެހެނީ ވެސް މަންމަ އެވެ. މަންމަ ފުރަތަމަވެސް ކުރި ސުވާލަކީ ކައިފިންތޯއެވެ؟ ޖަވާބެއް ނުދީ ގޮސް އެރީ އެނދަށެވެ. އިރުކޮޅަކުން އަންނައުނު ދަބަސް ހިފައިގެން ދިޔަގޮތަށް ހަބަރެއް ނުވެއެވެ.

އެކުއްޖާގެ ނަމުން މުހާތަބުކުރަންޖެހޭ ހާލަތްތަކުގައި ރަށުގެ މީހުން ކިޔާނީވެސް މި މަންމަގެ ނަމުގެ ފަހަތަށް ދަރިލާފައެވެ. އޭނާއާ ހުރެ މަންމަގެ އަބުރާއި އިއްޒަތް ވަނީ ގެއްލިފައެވެ. އެއީ މީގެކުރިން އެއްވެސް މީހަކު ދަންނަ މަންމަ އެއްނޫނެވެ. ނަމަވެސް މިއަދު ރަށުތެރޭގައި މިމަންމަގެ ނަން މަޝްހޫރުވެފައިވަނީ ވައްކަންކުރުމާއި މީހުންނަށް ގެއްލުންދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ނުލަފާ ފިރިހެންކުއްޖެއްގެ މަންމަގެ ގޮތުގައެވެ. އެހެންކަމުން މީހުންގެ ކުރިމައްޗަށް މި މަންމަ ނިކުންނަނީ ވަރަށް ލަދުވެތިކަމާއެކު ވަރަށް ހިތްވަރު ކޮށްފައެވެ.

އެ ކުއްޖާއަކީ މީހުންގެ މުދާ ފޭރޭ ކުއްޖެކެވެ. އެއީ މީހުންގެ މުދާ ވަގަށްނަގާ ކުއްޖެކެވެ. މީހުންނަށް ބިރުދައްކައި ގޯނާވެސް ކުރެއެވެ. ރޭގަނޑު އޭނާ އުޅެނީ އެކަމުގައެވެ. ދުވާލު އޭނާ އޮންނަނީ ނިދާފައެވެ. ހަވީރު ފިންޏަށް އޭނާ ހޭލައެވެ. ދެން އޭނާ މަންމައަށް މަޖުބޫރު ކުރެއެވެ. ފައިސާ ދިނުމަށެވެ. އުނަގަނޑުގައި އޮތް ފައްޓަރު ހޯދައިފިއެވެ. އިނގިލީގައި އޮތް އަނގޮޓި ވެސް ހޯދައިފިއެވެ. ކީއްކުރާނީ! ނުދީފިއްޔާ އަލިފާނުން ބިރުދައްކައެވެ. ނުދީފިއްޔާ ގޭގެ ތަންތަން ހަލާކުކުރެއެވެ. ނުދީފިއްޔާ މަންމަގެ ހިތަށް އެންމެ ދަތިވާނެ ކަމަކީ ކޮބައިތޯ ބެލުމަށްފަހު އެކަމެއް ކުރެއެވެ. ނުދީފިއްޔާ ވަޅިން އަމިއްލަ އަތް ޒަހަމްކުރެއެވެ. އެންމެފަހުން އަތުގައި އޮތް ފައިސާކޮޅު ދިނީމާ ނިކުމެގެން ދެއެވެ.

ޖެހިގެން ހުރި އޭނާގެ ކޮއްކޮ މިހާރު އެދަނީ އޭނާގެ ފަހަތުންނެވެ. އޭނާ އޭނާގެ ބޭބެއަށް ވުރެ ވެސް ހަރަކާތް އަވަސްވެފައި މާފަރިތައެވެ. މިތާނގައި ބޭއްވުމަށްފަހު ފާރުގައި އިން ގަޑިއަށް ބަލާލުމަށްފަހު ދެން ބަލާލާއިރު މަންމަ ގެންގުޅުނު ފޯނެއް ނޯވެއެވެ. އޭނާގެ ބޭބެ ގަޔަކަށް އަތެއް ނުލައެވެ. އެކަމަކު މީނާ ގަޔަށްވެސް އަތްލައި އަނިޔާ ކުރަނީއެވެ.

މި ކުދިންގެ ބައްޕައަކު އުޅޭކަން ހަނދާނެއްވެސް ނެތި އުޅެނިކޮށް އެއްދުވަހު ގެއަށް ވަދެ އެ ބައްޕަވެސް ހަޅޭއްފަޅޭއް ޖަހަން ފެށިއެވެ. އައިރުޅީގައި މަންމަވެސް ފަތިވަރު ގޮވަން ފެށިއެވެ. [ބަލަ މިދަރިން ބަލަން އަހަރެން އިތުރަށް ކުރަންވީ ކޮންކަމ؟ އަހަރެންގެ މުޅި އަބުރާއި އިއްޒަތް މިދަރިންނަށްޓަކައި ގުރުބާން ކޮށްފިން. އަހަރެންގެ ހުރިހާ ހިތާމަތަކީ މިދަރިންގެ ފަރާތުން ލިބޭ ހިތާމަތަކާއި ކަލޭގެ ފަރާތުން ލިބޭ ހިތްދަތިކަން. ހުރިހާ ވަގުތެއް މިހޭދަ ކުރަނީ މިދަރިން ބޮޑުކުރުމަށް. އަހަރެންގެ މުޅި ޖިސްމު ފަނާ މި ވަނީ މި ކުދިންދޭ އަނިޔާއިން. އަހަރެން ބަދިގޭގައި ހިފައިގެންގުޅުނު ތެލިތަށި ސަމުސާތައް މިދަރިން ވިއްކާލައިފި. ގެންގުޅުނު އުނދުންގަނޑު ވިއްކާލައިފި. މިހުރިހާ ކަމެއްކުރާއިރު ކަލޭ ކޮބާ؟ ކަލޭގެ ޒިންމާ ކޮބާ؟]

ދެމީހުންގެ ޒުވާބުގަނޑަށްފަހު ބޮލުގައި ރިއްސާތީ ގޮނޑީގައި އިށީނދެ މޭޒުމަތީ ބޯޖަހާލައިގެން ގިސްލަގިސްލައި ރޮއިރޮއި އޮތެވެ. އިރުކޮޅަކުން ފޯނު ރިންގުވާންފެށުމުން ފޯނު ނެގިއެވެ. ފުލުހުން ގުޅާފައި އެދިނީ އޭނާގެ ހަގުދަރި ހައްޔަރުކުރި ހަބަރެވެ. މިހިތްދަތި ހަބަރާއެކު ހިތުގައި ހުރި ހުރިހާ ނާރެއް ބުރިބުރިވެ ހިތް ނުހުޓިގެން މަރުނުވެގެން މިއުޅެނީ ކީއްވެބާއޭ މަންމަގެ ހިތަށް އެރިކަހަލައެވެ. ހަށިގަނޑުން ވަރު ދޫވެ، ދުލާއި ތުންފަތުން ކުޅު ހިކި، މޭގަނޑު ތެޅިފޮޅެން ފަށައިފިއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. ކިޔާނެ އެއްވެސް އެއްޗެއް ނެތެވެ. ފިރިމީހާ ހިނގައްޖެއެވެ. ބޮޑު ދަރިފުޅު ހިނގައްޖެއެވެ. ކުޑަ ދަރިފުޅު ހައްޔަރުކޮށްފިއެވެ. މުޅިން އެކަނިވެރިވެއްޖެއެވެ. މި އެންމެންނަކީ މި މަންމަގެ ހިތުގެ ބަގީޗާގެ މާތަކެވެ. މި މާތަކާ ނުލައި މި ބަގީޗާގެ ރީތިކަމެއް ނެތެވެ. ފިރިމީހާ ކޮންމެ ފަދަ ގޮތަކަށް ހެދިނަމަވެސް އެއީ މި މަންމަގެ ހިތުގެ ބާރެވެ.

ދަރިފުޅު ހައްޔަރުކުރި ފަހުން މަންމަގެ ހާލަތު ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ. ހާސްވެ ބިރުގަންނަނީއެވެ. ގޭތެރޭގެ އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ނުއެއް ކެވެއެވެ. ނުއެއް ނިދެއެވެ. ބައްޔެއް ވިއަސް އެހީތެރިވެދޭނެ އަތެއްނެތެވެ. އަޅާލާނެ ހިތެއް ނެތެވެ. އެކަނިމާއެކަނި އެނދުގެ އެއްފަރާތުން އަނެއްފަރާތަށް ފުރޮޅި ފުރޮޅި އޮވެ ވަރުބަލިވެގެން، ގަޑިބެލިއިރު ފަތިސްނަމާދަށް މާ ގިނަ އިރެއް ނެތެވެ. ތެދުވެ ވުޟޫކޮށް މުސައްލަމައްޗަށް އަރައި ހަށަން ބަނެވެ. ނަމާދުކޮށް ނިމިގެން ދެއަތް އުފުލިއެވެ.

ޔާ ﷲ! މިހިތްދަތި ކަމުގެ ފަހަތުގައި ވަނީ އަޅުގެ ފާފަ ކަމުގައިވާނަމަ ކޮންމެ ފާފައަކަށް ތައުބާވަމެވެ. އެނގި ފާޅުވި ފާފައަކަސް އަދި އެނގުމެއްނެތި ވަންހަނާވެފައިވާ ފާފައަކަސްމެވެ. ޔާ ﷲ! މި މުސީބާތަކީ އަޅުގެ އަމިއްލަ އަތުން ގެނެވިފައިވާ ހަޑިމުޑުދާރު އަމަލުތަކާއި ހިޔާލުތަކުގެ ނަތީޖާއެވެ. އަފޫކޮށްދެއްވާނދޭވެ! ޔާ ﷲ! ކުރިމައައްޗަށް ބަލާލާއިރު ފިރިއަކު ފެންނާކަށް ނެތެވެ. ފަހަތަށް ބަލާލާއިރު މަންމައެއް ބައްޕައަކު ފެންނާކަށް ނެތެވެ. ކަނާތްފަރާތް ބަލާލާއިރު ދަރިއަކު ފެންނާކަށް ނެތެވެ. ވައަތްފަރާތް ބަލާލާއިރު ބޭބެއެއް ދައްތައެއް ކޮއްކޮއެއް ފެންނާކަށް ނެތެވެ. މިދިމާއަށް ތިރިބަލާލާއިރު މިފެންނަނީ ނިމިދިއުމަށްފަހު އޮށޯންނަންވީ ދާންމައްޗެވެ. މަތިބަލާލާއިރު ތިޔަ އިލާހު ފިޔަވައި މިއަދަކު އެއްވެސް ފަރާތެއް ނެތެވެ. އަޅުގެ ދަރިން ބޮޑުވެފައިވީތީ ފެނެއެވެ. އެދަރިންގެ ފަރާތުން ހިތްދަތިކަމެއް މެނުވީ ނުލިބެއެވެ. މީސްތަކުގެ ހައްގުތައް ފޭރޭ ދަރިންގެ މަންމަ ކަމުގައި މެނުވީ މިއަޅާ ނުވެއެވެ. އެދަރިން މައިތިރި ކުރުމުގެ ބާރެއް ގާބިލުމަކެއް މިއަތަކު ނުވެއެވެ. ތިޔައީ ހުރިހާ ބަރަކާއި ކުޅަދުންވަންތަކަމަކާއެކު ހުރިހާ ކަމެއް ބައްލަވައި އައްސަވައި ވޮޑިގެންވާ އިލާހެވެ. ޔާ ﷲ! އިބައިލާހުގެ ރަހުމަތުން އެދަރިންގެ މައްޗަށް ވާރޭފޮދެއް ވެއްސަވާނދޭވެ. މިފަދަ ބަސްތަކުން އެ މަންމަ ޝަކުވާ ދެންނެވިއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެދިޔައީ އެވެ. އެހެން ދުވަހެކޭ އެއްފަދައިން ފަތިސް ނަމާދުކޮށް ނިމިގެން ސިޓިންރޫމުގެ ސޯފާގައި އިނީ ގުރުއާން ކިޔަވާށެވެ. ގޭގެ މައިދޮރު ވަނީ ހުޅުވާފައެވެ. ގުރުއާނުން ބައެއް އާޔަތްތަށް ހިތުދަހައެވެ. އެހެންވެ އުނދަގޫ ކަމެއްނެތި ކިޔަވަމުންވެސް ބައެއްފަހަރު ދޮރާދިމާއަށް ބޭރުވެސް ބަލާލެވެއެވެ. އިރު މަޑުމަޑުން މައްޗަށް އަރަމުންދާ ވަރަކަށް އޭގެ އަލިކަން ގޯތިތެރެއިންވެސް ފާޅުވަމުންދާތަން ފެނެއެވެ. ނަމަވެސް މަންމައާ ދިމާއަށް އެއަންނަ އަލިކަމަކީ ތަފާތު އަލިކަމެކެވެ. އެއަލިކަމުގެ ސަބަބުން ހިތުގެ ވިންދު އަވަސްވެއްޖެއެވެ. އަތުގައި އޮތް ހަތިމު ލެއްޕިއްޖެއެވެ. އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ދިގުކޮށް ހުރި ހުދުކުލައިގެ ކުރުތާ ވައްތަރުގެ ގަމީހަކާއި މަޑު ނޫކުލައިގެ ޖިންސެއް ލައިގެން މުށި ކުލައިގެ ފައިވާނަކަށް އަރައިގެން އެއަންނަ ފިރިހެނާގެ މައްޗަށް ދެލޯ އަމާޒު ކުރެވިއްޖެއެވެ. މި ހެނދުނުގެ ވަގުތު މި ދުވާ މީރުވަހަކީ މި މަންމަގެ ހިތުގެ ބަގީޗާއިން އަންނަ ވަހެއެވެ. އެ މާތަކުގެ ތެރެއިން މަލެކެވެ. އެ މީހާގެ މޫނުމަތިން ފާޅުވި އުފާވެރިކަމުގެ ސަބަބުން މަންމައަށް ހަދާނެ ގޮތް ހުސްވިއެވެ. ރޯންވީހެއްޔެވެ؟ ދުވެފައި ގޮސް ބައްދާލަންވީ ހެއްޔެވެ؟ މަންމައަށް ހިތާހިތާ ސުވާލު އުފެދުނެވެ. އިރުކޮޅަކަށް ދެމީހުން އެކަކު އަނެކަކާ ދިމާއަށް ބަލަން ތިއްބެވެ. އެއަށްފަހު އުފާވެރިކަމުގެ ލައްޒަތު ތަންފީޒުވަމުން ދިޔައެވެ. އެ މީހާއަށް ރޮވުނެވެ. އެއީ ލޯބީގެ ރުއިމެއް ނޫނެވެ. ފައިސާ އަކަށް ލާރިއަކަށް ނޫނެވެ. ނުވަތަ އަތުގައި އަޅާފައިވާ ކެވެލިކޮޅާއި އުނަގަނޑުގައި އަޅާފައިވާ ފަށްޓަރަކަށް ނޫނެވެ. އެހެނެއްކަމަކު އެއީ މަތިވެރިވެގެންވާ ތައުބާގެ ރުއިމެކެވެ. މަންމަގެ އެއްއަތުގައި ހިފަހައްޓައިގެން ހުރެ އޭނާ އޭނާގެ ވާހަކަ ކިޔައިދެމުން ދިޔައެވެ.

މަންމާ! ޖަލުން މިނިވަން ވެގެން ރޭގެ ވަގުތެއްގައި ރަށަށް އާދެވުނެއެވެ. ނަމަވެސް މަންމައަށް އުނދަގޫ ވެދާނެތީ އެހެންތަނެއްގައި މަޑުކޮށްލުމަށްފަހު މިއައީއެވެ. މޫނުމަތިން ހިތްވަރާއި ކެތްތެރިކަން ފާޅުވަމުންދާ ފަދަ ގޮތަކަށް ލޯބިލޯބިން މަންމައާ ވާހަކަ ދައްކަމުން ދިޔަ މަންޒަރު ބަލަން މަންމަ އިނެވެ.

ޖަލުގައި އުޅެނިކޮށް ހުވަފެނެއް ފެނުނެވެ. އަހަރެންނާ ދިމާއަށް ހަރުފައެއް އަންނާތީއެވެ. އޭތީގެ އަނގަ ވަރަށް ބޮޑެއެވެ. އަހަރެން ސަލާމަތްވާން ވެގެން ދުވަނީއެވެ. އެކަމަކު އޭތި އަހަރެން ފަހަތުން އައިސް އަހަރެން ހިފެހެއްޓިއެވެ. އެކަމަކު އުމުރުން ވަރަށް ދުވަސްވެފައިވާ އަންހެނަކު އައިސް އޭތީގެ ކަރުގައި ހިފައި ހޫރާލިއެވެ. އެމީހަކީ ކާކުތޯ ބަލާލިއިރު އެމީހެއްގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ކަޅު ފޮތިގަނޑަކުން ނިވާވުމުންނެވެ. ދެން އެތަނަށް މީހަކު އައެވެ. އެއީ ހުދު ހެދުމެއްގައ ހުރި މީހެކެވެ. އެމީހަކާ އަހަރެން ސުވާލު ކުރީމެވެ. އަހަރެން ސަލާމަތް ކުރީ ކާކުހެއްޔެވެ؟ އެމީހަކު ޖަވާބުގައި ބުންޏެވެ. އެއީ ކަލޭގެ މަންމައެވެ. އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. މަންމަގެ މޫނު ނުފެނި ނިވާވީކީއްވެހެއްޔެވެ؟ އެމީހަކު ޖަވާބުގައި ބުންޏެވެ. ކަލޭގެ ނުބައިކަމާއެވެ. ކަލޭގެ ނުބައި އަމަލުގެ ސަބަބުން ކަލެއާ މަންމައާ ދެމެދު ފަރުދާވެފައިވެއެވެ. އެކަމަކު ކަލޭގެ މަންމައަށް ކަލޭ ފެނެއެވެ. ދެން އަހަރެން ސުވާލުކުރީމެވެ. ތިޔައީ ކާކުތޯއެވެ؟ އެހިނދު އެމީހާ ގެއްލިއްޖެއެވެ.

މަންމާ! މިހުވަފެނުގެ ސަބަބުން މަންމަގެ ސޫރަ ފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަންނަށްކަށް މިހާރު ނުފެނެއެވެ. ހުރިހާ ނުބައިކަމެއްގެ މައްޗަށް ފޫހިކަން ވެރިވެއްޖެއެވެ. މަންމަގެ ލޮލުން އޮހެރަމުންދާ ކަރުނަ ފޮހެދެމުން [މަންމާ! އެނގޭތަ؟ މިހާރު ސިނގިރެޓެއްވެސް ނުބޮމޭ." ކުޑަކޮށް ހީލާފައި ބުންޏެވެ.

މިލިޔުން ކިޔަމުންދާ އެކުވެރިންނޭވެ! ހެނދުނު އިރުގެ އަލިކަން ފާޅުވަމުން އެއަންނަނީ ހަމައެކަނި ދުނިޔެއަކަށް ނޫނެވެ. އެމަންމަގެ އަނދިރި ހަޔާތަށްވެސްމެވެއެވެ. ކަލަކު ވޮޑިގެންވެއެވެ. އަޑުއައްސަވައެވެ. އިހުލާސްތެރި ހިތްތަކަށް ޝިފާލިބުން ލަހެއްނޫންކަމުގެ އިހްސާސް ނުކުރެވޭހެއްޔެވެ؟ ދުޢާއަކީ ކިހާ ބާރުގަދަ އެއްޗެއްކަން މިމަންމަ ވެސް ތަޖުރިބާ ކުރީއެވެ.

އަލިފާނުން ބިރުދައްކައި ގޯނާކުރަމުން، ހުރި ފައިސާ ކޮޅާއި މުދާ ވަގަށް ނަގަމުން، އަބުރާއި އިއްޒަތް ނަގާލަމުން، ހަޑިހުތުރު އެއްޗެއްހި ކިޔަމުން ދިޔަ ޒުވާނާގެ ދުލުން އެންމެ ފަހަރަކު މާފަށް އެދުނީމާ އެއްވެސް ސުވާލެއް ޝަރުޠެއް ނެތި ބަދަލެއް ހިފުމެއްނެތި މާފުކުރުމުގެ ގާބިލުކަން ލިބިގެންވީ ހަމައެކަނި މީހަކީ މަންމަ ހެއްޔެވެ؟ އާނއެކެވެ. ހުރިހާ ހާލަތެއްގައިވެސް އަދި ކޮންމެ ވަގުތަކުވެސް މަންމަ ދަރިންނަށް މަރުހަބާ ކިޔާނެއެވެ.

ލޯތްބަކީ މިއީހެއްޔެވެ؟ ނޫނީ އަހަރުން މިވަނީ ލޯބިހެއްޔެވެ؟ މިދުނިޔޭގައި މިއަށްވުރެ ލޯބީގައި ނަމޫނާ އިންސާނަކު ވޭހެއްޔެވެ؟ އަހަރުމެންގެ ހިތުގައި އެ އަންހެނާއަށްޓަކައި ކުނޑިފުކެއްގެ ރަހުމެއްވެސް ނެތީހެއްޔެވެ؟ އޭނާ އޭނާގެ ދަރިންނާއެކު އެކަނި ދޫކޮށްލީ އަހަރުމެން ފިރިންނެވެ. އެދަރިން މަގުމައްޗަށް ނެރުނީ އަހަރުމެން ބައްޕަމެންނެވެ. އަހަރުމެން މިވަނީ އިލާހީ އަމާނާތަށް ހިޔާނާތްތެރިވެފައެވެ. އަހަރުމެންގެ ދުނިޔޭގެ ބާކީ ދުވަސްތައް ދެން ހޭދަކުރަންޖެހޭނީ މިކުރި ކަންކަމުގެ ބަދަލު ލިބިގަތުމުގައެވެ. ނަމަވެސް ބަދަލަށް އެދޭ މީހާއަށް ދޮރެއް ބަންދެއް ނުވާނެތެވެ. ހާލަތު ބަދަލުކުރައްވަވާ އިލާހަކީ އަބަދުވެސް ހާލަތު ބަދަލު ކޮށްދެއްވުމުގައި ދެމިވޮޑީގެންވާ އިލާހެވެ. އެއީ ރަޢޫފުއްރަޙީމެވެ. ވަގުތު ފާއިތު ނުވަނީސް މުސައްލަ މައްޗަށް ކޮޅަށް ދެތުވެ ހަށަން ބަންނާށެވެ. ދެއަތް އުފުލާލަން ހިނގާށެވެ. ހަޔާތަށް ބަދަލެއް ގެނައުމަށް މިހާރު އަޒުމް ކަނޑައަޅަމާހިނގާށެވެ. އެމަންމަ ދުއާކުރިފަދައިން ދުއާކުރަމާ ހިނގާށެވެ.

ހެޔޮލަފާ މީހަކު އަހަރުމެން ފިރިންނާ ދިމާއަށް ބުނާ ކަހަލައެވެ. އެމަންމަ އާއި ދަރިންނަށް ބޭނުވާ އެއްޗަކީ ތިޔައީއެވެ. މަދުވި ހަމައެކަނި އެއްޗަކީ ތިޔައީއެވެ. މަގުމަތިން ރައްޓެހިން ހޯދަން މަޖުބޫރުވީ ތިޔަ ފަދަ ފިރިހެންވަންތަ ފިރިހެނަކު ގޭގައި ނެތުމުންނެވެ. ބައްޕަގެ ގޮތުގައި އެދަރިންގެ އަތުގައި ހިފާށެވެ. ދެން ހިނިތުންވެލާށެވެ. ދެން ހިތްހަމަޖެހިގެންވާ ހާލު މިދުނިޔެއާ އަލްވަދާއު ކިޔާލާށެވެ.

ނޯޓު: މިއީ އަޅުގަނޑުގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ އަލްއުސްތާޛް ރަފީއުއްދީން އަޙްމަދު އޭނާގެ ފޭސްބުކް ވޯލްގައި ޕޯސްޓްކޮށްފައިވާ ނުހަނު އިބްރަތްތެރި ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް