ރައީސް މުޢިއްޒުގެ ސަރުކާރަށް އެއް އަހަރާއި 9 މަސްވީއިރު ގައުމުގެ ހާލަތާއި މެދު ކަންބޮޑުނުވާ އެއްވެސް ރައްޔިތަކު ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް، ވަނީ މި ސަރުކާރުގެ 1 އަހަރާއި ދިހަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ސާލިޙް ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ބަސްބުނެ އަޑުއުފުލާ އިސްވެ ނިކުންނަ ޕާޓީގެ ގޮތުގައި ރައްޔިތުން އަބަދުވެސް ދެކޭ ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން ރައްޔިތުން ގިނަ އުންމީދުތަކެއް ކުރާ ކަމަށް ވެސް ރައީސް ސާލިޙް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއަދު މިއޮތީ އެ ހާލަތަށް އައިސްފަ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

ވޭތުވެދިޔަ 1 އަހަރާއި ދިހަ މަސްދުވަހުގެ ތެރޭގައި މިހާރުގެ ސަރުކާރާމެދު ކަންބޮޑުނުވާ އެއްވެސް ރައްޔިތެއް ރާއްޖޭގައި ނެތް ކަމަށާއި، އެއްވެސް ދާއިރާއެއް މި ހާލަތުން ސަލާމަތްވެފައި ނެތް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގައި ތަކެތީގެ އަގު އިންތިހާ ބޮޑުވެފައިވާއިރު، ކަރަންޓުގެ އަގު އަތް ނުފޯރާ ހިސާބަށް މައްޗަށް ގޮސްފައިވާކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

"އާއިލާއެއްގައި ދެމީހުން ބުރަކޮށް ރެއާ ދުވާލު މަސައްކަތް ކޮށްގެން ގޭތެރޭގެ ޚަރަދުތަކެއް ނުބެލެހެއްޓޭ ދަރައި ވިކެނީ." ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ސަރުކާރުން ގަބޫލުނުކުރާކަމަށާއި އެކަމަށް ޖަވާބުދާރީނުވާކަން ފާހަގަކުރައްވައި ރައީސް ސާލިޙް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކާއި ތެލުގެ އަގު މައްޗަކަށް ނުދާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ވޭތުވެދިޔަ ދޮޅު އަހަރު ކުރިއަށް ބަލާއިރު ދުވަހުން ދުވަހަށް ތަކެތީގެ އަގު ދެ ގުނަ ތިން ގުނައަށް މައްޗަށް ގޮސްފައިވާ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާއި، ޖުޑީޝަރީގެ މިނިވަންކަމާއި، ލާމަރުކަޒީ ނިޒާމަށް އަންނަ ބަދަލުތަކާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ކުރީގެ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫޢުތައް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިހާރުގެ ރައީސް، ޑރ. މުޢިއްޒުގެ އަމިއްލަ ޖާހަތާއި ކިބުރުވެރިކަން ދެއްކެވުމުގެ ގޮތުން ފުށިދިގުއަރުފަޅުގައި ބޭކާރު މަސައްކަތެއް ކުރަމުންދާ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. ރައީސް ސާލިޙް ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުން ފަށާފައި އޮތް މަސައްކަތް މެދުނުކެނޑި، ލަސްނުކޮށް އަލުން ކުރިއަށް ގެންދެވުމަށް ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ.

"އެކަން ކުރެވޭނެ ގޮތް އަޅުގަނޑުމެން އޮންނާނީ ހަމަޖައްސާ. ފައިސާއެއް އިތުރަށް ހޯދާކަށް ނުޖެހޭނެ. އެހެންވީމާ އޭރު އެ ނިންމާފައި އޮތް ގޮތަށް އެކަން ކުރުމަށް އަޅުގަނޑު ދަންނަވަން،،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ޖުޑީޝަރީއާ ދޭތެރޭގައި ރައްޔިތުން ކުރަމުން އައި އުންމީދާއި އިތުބާރު، މިހާރުގެ ސަރުކާރުން މުޅިން ނައްތާލާފައިވާ ކަމަށް ވެސް ރައީސް ސާލިޙް ވިދާޅުވިއެވެ. އެގޮތުން މުޅި ޖުޑީޝަރީގެ ތެރެއަށް އަތްބާނައި، އެތަން ޚަރާބުކޮށްފައިވާ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެެވެ.

"މިކަން ހައްލުކުރުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި އެމްޑީޕީ އިސްވެ ނިކުންނަން އެބަ ޖެހޭ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙް ވަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި، ބާރުތައް އެއްތަނަކަށް ޖަމާކޮށް، ހުރިހާ ބާރުތަކެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. މިކަންކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

މި ސީރިއަސް މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީ އިސްވެ ނިކުންނަން ޖެހޭނެ ކަމަށް ވެސް ރައީސް ސާލިޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު