މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް އިސްލާހު ނުކުރެވޭނެ ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރުވެރިކަމަކީ މީޑިއާ ކޮންޓްރޯލްކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލް ކަމަށެވެ. ރައީސް ސާލިޙް ވިދާޅުވީ މިނިވަން މެމްބަރަކު ހުށައެޅުއްވި ނަމަވެސް އެއީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ބިލެއް ކަމަށާއި އެބިލް އޮތީ އިސްލާހު ކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ. ރައީސް ސާލިޙް ވަނީ އެބިލް އަނބުރާ ގެންދިޔުމަށް ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ.

ރައީސް ސާލިޙް ވިދާޅުވީ އެ މަޖިލީހަށް ބިލް ހުށައެޅުމުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ނޫސްވެރިކަން ގެންގޮސް ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ފިޔަވަޅު އެޅުމުގެ ފުރުސަތުތައް ހޯދުން ކަމަށެވެ. ސަރުކާރުން މިއަދު މަސައްކަތް ފަށާފައިވަނީ މިނިވަން ނޫސްވެރިކަން މަރާލަން ކަމަށާއި އެކަން ހުއްޓުވަން އެމްޑީޕީ ނިކުންނަންޖެހޭ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވީ ނޫސްވެރިންނަކީ ހަމައެކަނި ސަރުކާރު ޖަވާބުދާރީ ކުރާ ބަޔެއް ނޫން ކަމަށެވެ. އެގޮތުން ދައުލަތުގެ ހުރިހާ މުވައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮންނަނީ ނޫސްވެރިންނަށް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމް ފުނޑާލައިފި، ބާރުތައް ޖަމާކޮށް ހުރިހާ ބާރުތަކެއް އެއްކުރަމުން އެގެންދަނީ، ނޫސްވެރިކަން މުހިންމުވަނީ މިހެންވެގެން، ނޫސްވެރިންނަކީ ހަމައެކަނި ސަރުކާރު ޖަވާބުދާރީ ކުރާ ބަޔެއް ނޫން، ދައުލަތުގެ ތިން ބާރު ވެސް ޖަވާބުދާރީ ކުރާ ބަޔަކީ އެއީ، މިނިވަން މުވައްސަސާތައް ވެސް ޖަވާބުދާރީ ކުރާ ބަޔަކީ އެއީ، މިއަދު އެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމަށްފަހުގައި ދެން އެ ނިކުމެވަޑައިގަންނަވަނީ މި މުވައްސަސާތައް ޖަވާބުދާރީ ކުރުވަން އޮތް ހަމައެކަނި ބާރު ނައްތާލަން،" ރައީސް ސާލިޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު