މި ސަރުކާރުން ރައްޔިތުންގެ ހައްޤުތައް ފޭރިގަނެ، މުޅި ދިވެހި ދައުލަތް ލޫޓުވާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ހިތުގައި އުފެދި، ކަންބޮޑުވަމުންދާ ޝުޢޫރަކީ "ލޫޓުވާލައިފި" ކަމުގެ އިޙްސާސް ކަމަށާއި، ބަސްފޮތުން "ލޫޓުވާލައިފި" މާނަ ބަލައިލާއިރު އޮންނަނީ "ފޭރިގެންފި" ކަމަށެވެ.

"ލޫޓުވާލައިފިޔޭ، ކޮންމެ ދިމާލަކަށް ބަލައިލިޔަސް ރާއްޖޭގައި މިއަދު ފެންނަނީ ބޮޑުތަނުން މި ސަރުކާރުން ދިވެހި ދައުލަތް، ދިވެހި ރައްޔިތުންގެ ޙައްޤުތައް، ދިވެހި ރައްޔިތުންގެ އުންމީދުތައް، ދިވެހިރާއްޖޭގެ ޚަޒާނާ ލޫޓުވާލާފައިވާ މަންޒަރު،" ކުރީގެ ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، މުޅި މި ދައުލަތް ލޫޓުވާލާފައިވާކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އަޑު އުފުލުމަށްޓަކައި އިންތިޚާބުކޮށްފައި މަޖިލީހަށް ފޮނުވާފައިވާ ވަކީލުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޑުވެސް ފޭރިގެންފައިވާ ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. އަދި ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ރާއްޖޭގައި ޤާއިމުކޮށްފައިވާ ޢަދުލު އިންސާފުގެ ބާރުގެ މައްޗަށް ރައްޔިތުންގެ ހިތުގައި އޮތް އުންމީދާއި ޔަޤީންކަންވެސް ލޫޓުވާލާ، ފޭރިގެންފައިވާ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ޚަޒާނާ ބޭނުންކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޝާހިދު ވިދާޅުވީ، ޚަޒާނާގައި ހުރިފައިސާ އެގޮތް މިގޮތަށް ބޭނުންކުރަމުން، މަޢުލޫމާތުތައް ސިއްރުކުރަމުން، ވައްތަރުވައްތަރުގެ ޑުރޯނާއި އޭތިމީތި ގަންނަމުން ގޮސް އެ ޚަޒާނާވެސް ބޮޑުތަނުން ލޫޓުވާލާފައިވާ ކަމަށެވެ.

އޭގެ އިތުރަށް، ރައްޔިތުންގެ ބާރުވެރިކަން އަތޮޅުތަކާއި ރަށްތަކުގައި ޤާއިމުކުރުމަށް ޤާނޫނުއަސާސީގައި ސާފުކޮށް ކަނޑައަޅައިދީފައިވާ ލާމަރުކަޒީ ނިޒާމުވެސް މި ސަރުކާރުން ލޫޓުވާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން ފައިސާ ނަގައި، ސިޔާސީ މަޤާމުތަކަށް މީހުން ލައި، އިންތިޚާބުތަކުގައި ޚަރަދުކުރަމުން ގޮސް މުޅި ދައުލަތް ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ގެނެސްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކަށް މިހާރު ސިޔާސީ ނުފޫޒުތައް ފޯރުވައި، އެތަންތަނުން ފައިސާ ނަގައި އިންތިޚާބުތަކުގައި ޚަރަދުކުރަމުންދާ މަންޒަރު ބަލަން ތިބެވޭނެ ގޮތެއް ނެތް ކަމަށެވެ. ޝާހިދު އިތުރަށް ވިދާޅުވީ މިހާރު ހުރިހާ ކުންފުނިތަކެއް ވެސް ބޭންކްރަޕްސީގެ ތުންފަތްމައްޗާ ހަމައަށް ގެނެސްފައިވާ ކަމަށާއި، މިހެން ގޮސްފިނަމަ އަންނަ އަހަރުގެ އެޕްރީލް މަހު މުޅި ދިވެހި ދައުލަތް ބަނގުރޫޓުވާނެ ކަމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

ޝާހިދު ވިދާޅުވީ، މިހާރު މި ދިމާވެފައިވާ އިޤްތިޞާދީ ހާލަތާއި ދައުލަތް ލޫޓުވުމާ ގުޅިގެން ރައްޔިތުން އިންތިހާއަށް ކަންބޮޑުވެފައިވާ ކަމަށެވެ. ޑޮލަރުގެ ރޭޓު މިހާރު 20 ރުފިޔާގައި ހުރިއިރު، އެ ރޭޓު ތިރިކުރާނެ ކަމަށް ބުނެފައި އޮއްވައި، ޑޮލަރު 20 ރުފިޔާއަށް އަރައި 20 ރުފިޔާއަށްވުރެ މައްޗަށް ދިޔުމަކީ ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މިހާރު މި ފެންނަނީ ދައުލަތް އިންތިހާއަށް ލޫޓުވާލާފައިވާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި، ރޭގެ ޖަލްސާގައި ހުށަހެޅުނު ޤަރާރާ އެއްގޮތަށް، ދިވެހި ހުރިހާ ރައްޔިތުން އަތުގުޅާލައިގެން މަގުމައްޗަށް ނިކުތުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ ހަލާކުގެ މަގަށް ގޮސް ބަރުބާދުވިޔަނުދިނުމަށް ހިތް އެދޭ، ހިތްވަރު ހުރި ހުރިހާ ދިވެހި އަބްޠާލުން އެއްވެސް ކުލައަކަށް ނުބަލާ މުޒާހަރާ އަށް ނިކުންނަންޖެހޭ ކަމަށެވެ. މިއީ ދިވެހިރާއްޖެ ސަލާމަތް ކުރަންޖެހޭ ވަގުތު ކަމަށާއި، މިކަމުގައި އެމްޑީޕީން އަބަދުވެސް އިސްނަގައިގެން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން މި ދިވެހިރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް ކެރިގެން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށާއި، ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން، އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެކަން ޔަޤީންކޮށްދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށާއި "ސަރުކާރު ހަމަ މަގަށް އެޅުވެން ދެން" އެ މުޒާހަރާތައް ކުރިއަށް ގެންދަން ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު