އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ބިޑިއަކަށް ނުވަތަ އަނދަގޮޅިއަކަށް ބިރުގަންނާނެ ބަޔަކު އެމްޑީޕީއަކު ނުތިބޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިން ކުރި ވައްކަންތައް ވަރަށް އަވަހަށް ހާމަވާނެކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

މުޅި ޤައުމު ލޫޓުވާލައިފި ކަމަށްބުނެ އެމްޑީޕީން އިންތިޒާމް ކުރަމުންދާ ޤައުމީ ބޮޑު ޙަރަކާތަށް ރައްދު ދެއްވައި ކުރި ޕޯސްޓުގައި ފަލާހު ވިދާޅުވީ އެމްޑީޕީން ވަނީ މުޅިޤަޢުމު އެއްކޮށް ދަވާލާފައި ކަމަށާއި، އަދި ޤައުމު ހަލަބޮލި ކުރަން އުޅެނީ އެ މައްސަލަތައް ބަލާނެތީ ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި ބަދަލުގެ ނަމުގައި ގާތް ރަހްމަތްތެރިންނަށް 800 މިލިއަން ރުފިޔާ ބަހާލި ކަމަށާއި، ކޮވިޑުގައި ޤަޢުމުތަކުން ލިބުނުހާ ހިލޭއެހީ ހުރީ ރާއްޖެއިން ބޭރުގައި އަމިއްލަ އެކައުންޓްތަކުގައި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި ކަރުދާހުގައި ސޮއިކޮށް، މަސައްކަތެއް ނުކުރާ ކިތަންމެ ކުންފުންޏަކަށް އެމްޑީޕީގެ ވެރިކަމުގައި އެތައްސަތޭކަ މިލިއަން ރުފިޔާ ބަހާލާފައިވާ ކަމަށްވެސް ފަލާހު ތުހުމަތުކުރެއްވިއެވެ.

ފަލާހުގެ މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ބިޑީގެ ތަޅުދަނޑި ވައްތަރީ ސަލީބަކާ ކަމަށެވެ.

އަދި ބިޑި އަކަށް އަނދަގޮޑިއަކަށް ބިރުގަންނާނެ މީހުން އެމްޑީޕީއަކު ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ގައުމު ލޫޓުވުން ހުއްޓުމުގެ ވަގުތު ކައިރިވެފައިވާ ކަމަށެވެ.

"ތިޔަކަންކަން ކުރެއްވުމުގެ ބާރާއި އާރު ހުރި ވަގުތު އަވަހަށް ކުރައްވާ.." ފައްޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު