ޗައިނާއަށް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިނަލްއަގުވާމީ ލީޑަރުންނާ ބައްދަލުކުރައްވައި، ގުޅުން ބަދަހިކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް މަޝްވަރާ ކުރެއްވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ޗައިނާ އަށް ވަޑައިގަތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަފްތާގައި ޗައިނާގައި ބޭއްވި ބައްދަލުކުރެއްވުންތަކުގައި ގުޅުންތައް ވަރުގަދަކޮށް، އާ ފުރުސަތުތައް ހޯދުމަށް ބައިނަލްއަގްވާމީ ލީޑަރުންނާ ބައްދަލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތް ކަމަށެވެ.

އަދި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީއާއި، ޑިޖިޓަލް އިނޮވޭޝަނާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ ގައުމަށާއި، މި ސަރަހައްދަށްޓަކައި ކުރިއަށް މިދަނީ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެހެނިހެން ގައުމުތަކުގެ ލީޑަރުންނާއި ވަނީ ބައްދަލުކުރަށްވާފައެވެ.

މިދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު 11 ދާއިރާއަކުން އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިގްތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ އެއްބަސްވުންތަކެެވެ.



ކިޔުންތެރިންގެ ހިޔާލު