ސްރީލަންކާގެ ހަމައެކަނި ބައިނަލްއަޤްވާމީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ސްކޫލް، ދަ ޓްރީ ހައުސް އިންޓަރނޭޝަނަލް (ޓީ.އެޗް.އައި) އާއި، ރާއްޖޭގެ އެންމެ ބޮޑު މަތީ ތަޢުލީމުދޭ މަރުކަޒު ކަމުގައިވާ ވިލާ ކޮލެޖާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ އޯޓިޒަމް އަދި އޭ.ޑީ.އެޗް.ޑީ އާ ގުޅޭ ދިރާސާތައް ކުރިއެރުވުމާއި، ސުލޫކީ ފަރުވާގެ ތަމްރީނު ދިނުން، އަދި އެފަދަ ކުދިންގެ ތަޢުލީމުގެ ދާއިރާ ފުޅާކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން، ދަރިވަރުންނަށް ފުރުސަތުތައް ހޯދައިދިނުމާއި، ގުޅިގެން ހިންގާ އެކަޑަމިކް ޕްރޮގްރާމްތަކާއި، އެކުގައި ކުރާ ދިރާސާތަކާއި، ސެމިނަރތަކާއި އަދި ވަރކްޝޮޕްތައް ހިމެނެއެވެ. މި އެމް.އޯ.ޔޫއަކީ އޯޓިޒަމްގެ ދާއިރާއަށް ދިވެހިރާއްޖެއާއި ސްރީލަންކާއަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދޭނެ އެއްބަސްވުމެއް ކަމަށް ބެލެވެއެވެ.

2020 ވަނަ އަހަރު އުފެއްދި ދަ ޓްރީ ހައުސް އިންޓަރނޭޝަނަލް އިން ހާމަކުރާ ގޮތުގައި، މިހާރު އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ގާތްގަނޑަކަށް 80 އިންސައްތަ ދަރިވަރުން ވަނީ ސްކޫލަށް ދިއުމަށްޓަކައި ސްރީލަންކާއަށް ބަދަލުވެފައެވެ. މި ސްކޫލުން ޖީ.ސީ.އެސް.އީ އާ އެއްފެންވަރުގެ ފަންކްޝަނަލް ސްކިލްސް ކޮލިފިކޭޝަންތައް ދެއެވެ.

މި ކޮލިފިކޭޝަންތަކުގައި އަމަލީ ދިރިއުޅުމުގެ ހުނަރުތަކަށް އިސްކަން ދޭއިރު މި ސްކޫލަކީ ސްރީލަންކާގައި ސަނަދު ލިބިފައިވާ އަދި ޤަވާއިދުން ބެލެހެއްޓޭ ސުލޫކީ ފަރުވާދޭ މީހުން ވަޒީފާގައި ގެންގުޅޭ ހަމައެކަނި މުއައްސަސާއެވެ. މި ސްކޫލުގެ ހުރިހާ މުދައްރިސުންނަކީވެސް ސުލޫކީ ފަރުވާގެ ސަނަދު ލިބިފައިވާ ޓީޗަރުންނެވެ.

ދަ ޓްރީ ހައުސް އިންޓަރނޭޝަނަލްގެ ބާނީ އަދި ޑިރެކްޓަރ ޑރ. އެންޓަން ޖޭމްސް ވަނީ ބްރިޓިޝް ސައިންސް ކައުންސިލުން ޗާޓަރޑް ސައިންޓިސްޓެއްގެ ގޮތުގައި އިންތިޚާބުކޮށްފައެވެ. މިއީ މި މަޤާމު ލިބުނު ސްރީލަންކާގެ އުފަންވެހި ފުރަތަމަ ތަޢުލީމީ ސައިންޓިސްޓެވެ. އަދި އޭނާއަކީ ސްރީލަންކާގެ ހަމައެކަނި ޗާޓަރޑް ބިހޭވިއަރަލް ސައިކޮލޮޖިސްޓެވެ.

އެމް.އޯ.ޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖް ތަމްސީލުކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް، ޑެޕިއުޓީ ވައިސް ރެކްޓަރ އަބްދުލް މުންނިމް މުޙައްމަދު މާނިކު، އަދި ސްކޫލް އޮފް ސައިކޮލޮޖީ އެންޑް ކައުންސެލިންގގެ އިސްވެރިޔާ ޑރ. އާއިޝަތު ނަޝީދާއެވެ.

"މި އެއްބާރުލުމަކީ އޯޓިޒަމްގެ ދިރާސާތަކާއި، ހެކީގެ މައްޗަށް ބިނާކޮށް ދެވޭ ފަރުވާ، އަދި އެކުލެވޭ ތަޢުލީމުގެ ދާއިރާގައި ތަޢުލީމީ މަގުތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން އެކުގައި ސުލޫކީ ފަރުވާގެ ދާއިރާގައި ޕްރޮފެޝަނަލުން ތަމްރީނުކުރުމާއި، އެކުގައި އޯޓިޒަމްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ހިންގުމާއި، އަދި އަހަރުތަކެއް ވަންދެން އިހުމާލުވެފައިވާ މުޖުތަމަޢުތަކަށް ފައިދާވާ ފަރުވާ ފޯރުކޮށްދިނުން ކަށަވަރުކުރުން ފަދަ އައު އިސްނެގުންތަކެއް ފަށައިގަންނާނަން." ޑރ. ޖޭމްސް ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ދެ ޤައުމުގެ ތަޢުލީމީ އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތް ދިނުމުގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެެެއެވެ.



ކިޔުންތެރިންގެ ހިޔާލު