ރާއްޖޭގެ ހުރިހާ ސަރަޙައްދީ އެއަރޕޯޓުތަކެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ދަށަށް ގެނައުމަކީ ވަރަށް ރަނގަޅު މުހިންމު ފިޔަވަޅެއް ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާޤު، ވިދާޅުވެއްޖެއެވެ.

މުހައްމަދު ފިރާޤު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީޖަނަލް އެއާޕޯޓްތައް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރ.އޭ.ސީ.އެލް) ގެ ދަށަށް ގެނައުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. ފިރާޤު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދީ އެއަރޕޯޓުތައް ތަރައްޤީކުރުމަށް ފުޅާ މަގެއް ހުޅުވިގެންދާނެ ކަމަށެވެ. މީގެ ސަބަބުން އެއަރޕޯޓުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށްރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ފިރާޤު ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން މަރުކަޒީ ގޮތެއްގައި ތަކެތި ގަތުމާއި، އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް އެހީތެރިކަމާއި ފަސޭހަތަކެެެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އެމް.އޭ.ސީ.އެލްގައި މިހާރުވެސް ކަރަންޓު ޖަނަރޭޓަރުތަކުން ފެށިގެން ބަހާއި އެހެނިހެން ގިނަ އުޅަނދުފަހަރުގެ ބޮޑު ސްޓޮކެއް ހުރުމާއެކު، ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީ.އައި.އޭ) އައު ދުނިޔޭގެ ފެންވަރުގެ ޓާމިނަލަށް ބަދަލުވުމާއެކު، މި ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް އެހެން އެއަރޕޯޓުތަކަށް ބޭނުންކުރެވޭނެ ކަމަށް ފިރާޤު ވިދާޅުވިއެވެ.

މިއީ އެއަރޕޯޓުތަކުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މި ބަދަލު ގެނެވެންވާނީ ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ފިރާޤު ވިދާޅުވިއެވެ. މިގޮތުން، ހުރިހާ ކަމެއްވެސް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ހިންގިގެންދިއުމަށް އޭނާ ގޮވާލެއްވިއެވެ.

މި ބަދަލާއެކު ރާއްޖޭގެ އެއަރޕޯޓުތަކުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު