ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ވަރަށް ބޮޑަށް ކޯފާ އިސްކުރަށްވައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މީޑިއާ ބިލު ފާސްކުރަން ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށީ މިއަދުއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރު ނިޒާރު މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ބައެެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރިއިރު އޭނާގެ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ނެތުމުން ކަން ފާހަގަކުރެވެއެވެ.

މެންބަރުންގެ މާލީ ބަޔާންތަކުގެ ބައެއް ހަބަރުތައް މީޑިޔާތަކުން ރިޕޯޓްކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ އާންމުކުރީ މިހާތަނަށް މާލީ ބަޔާން ހުށައެޅި 88 މެންބަރުންގެ ކަމަށެވެ. އެހެންކަމުން ނިޒާރަކީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ ތެރެއިން އެކެއް ކަން ފާހަގަކުރެވެއެވެ.

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމުކުރި މިއީ ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީ ބަޔާންތަކަށް މިދިނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ނިޒާރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން އެމަޖިލީހުގެ ހުރިހާ މެންބަރުންގެ މާލީ ބަޔާން އޮންނަ އުސޫލުގެ ތެރެއިން އާންމުކުރަމުން ގެންދާ ކަމަށެވެ. އެގޮތަށް އެކަން ކުރަނީ މަޖިލީހުގެ ގަވާއިދުގައި ލިޔެވިފައިވާތީ، އެގަވާއިދާ އެއްގޮތަށް ކަމަށާއި، އެގަވާއިދަށް އަމަލުނުކުރާ މެންބަރުންނާ މެދު މަޖިލީހުން އެއޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަަމަވެސް މަޖިލީހުން މިފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއްވެސް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓް ހަދައި އާންމުކޮށް ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ޕަބްލިޝްކުރުން ނިޒާރު ވަނީ ކުށްވެރިކުރަށްވާފައެވެ.

މިކަމާ ގުޅިގެން މެންބަރު ނިޒާރު ވަނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އަވަސްކުރަން ގޮވާލައްވާފައެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންވިޔަސް މިބިލް އަވަހަށް ފާސްކުރަން އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު