ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް
ސިއްޙީ ގޮތުން ދާންބޭނުންވާ މަންޒިލަށް ދެވޭނީ މުޖުތަމަޢުގެ އެއްބާރުލުން ލިބިގެން ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ ޚާއްސަ މެޑިކަލް ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ނަޡިމް ވިދާޅުވީ ދުޅަހެޔޮ އާބަދީއަކަށް ވުރެ ވަކިން ބޮޑު ނިޢުމަތެއް ޤައުމަކަށް ނުލިބޭނެ ކަމަށެވެ. އެގޮތުން ޤައުމުގެ އުފެންދުންތެރިކަމާއި ޤައުމުގެ ކުރިއެރުން ގުޅިލާމެހިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ފުރިހަމަ ސިއްޙަތާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އޭގެ ނަތިޖާއެއްގެ ގޮތުން އުފެންދުންތެރިކަން އިތުރުވެ އުފާވެރި އާބާދީއެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ޤައުމުވެގެން ދާނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، ސިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރެވޭ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ސިއްޙީ ކަންކަން ފެށޭ ހިސާބަކީ ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ މާޒީވެ ގޮސްފައިވާ ބޯދާ ޚިޔާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އާބާދީ ދުޅަހެޔޮ ސިއްޙަތެއްގައި ނުބޭއްވޭނެ.” ވަޒީރު ވިދާޅުވެފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ދުޅަހެޔޮ އާބާދީއެއްގެ މަސައްކަތް ފެށޭ ހިސާބަކީ ޢާއިލާތައް، މުޖުތަމައުތައް، އެކުވެރިން އަދި މުޖުތަމައުގައި ޝާމިލްވާ އެންމެންގެ މަސައްކަތް ކަމަށްވެސް ވިދާޅުވެފައެވެ.

އޭގެއިތުރުން މިފަދަ ކޭމްޕުގެ ޒަރިއްޔާއިންވެސް ހޭލުންތެރިކަން އިތުރުކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްއަޅައި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ތަންފީޒު ކުރުމުންދާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު