ސަރުކާރުގެ އައިނު ފިހާރަ
ސަރުކާރުގެ އައިނު ފިހާރަ
ސަރުކާރުގެ އައިނު ފިހާރައިން މިހާތަނަށް ދޫކުރީ 810 އައިނު ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިނު ވިޔަފާރީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި، އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަހަރު މެއި މަހުއެވެ.

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން “އެމްސީޖީއެޗް އޮޕްޓިކަލްސް” ގެ ނަމުގައި އައިނު ފިހާރައެއް ސަރުކާރުން ޤާއިމު ކޮށްފައިވަނީ، އައިޖީއެމްއެޗްގައެވެ. އަދި އޮގަސްޓު މަހު ހުޅުމާލެ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ވަނީ ހުޅުވާފައެވެ.

އައިޖީއެމްއެޗުން ބުނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް ގައި ސަރުކާރުން ހުޅުވި އައިނު ފިހާރައިން ހިލޭ އައިނު ހައްދަން 1691 މީހުން ކިއުގައި އެބަތިބި ކަމަށާއި، މިހާތަނަށް ދޫކޮށްފައިވަނީ 810 އައިނު ކަމަށެވެ. އަދި 1105 އައިނު މިހާރުވެސް ދަނީ ތައްޔާރު ކުރަމުންނެވެ.

އައިޖީއެމްއެޗުން ބުނީ، އައިނު ފިހާރަ ހުޅުވުނު ފަހުން މިހާތަނަށް 2994 މީހުން މި ޚިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި ދުވާލަކު 20 އައިނާއި 30 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރާ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ. އައިޖީއެމްއެޗުން ބުނީ، އެވަރެޖްކޮށް ދުވާލަކު 45 މީހުންގެ ޗެކަޕް ހެދޭ ކަމަށެވެ.

ސަރުކާރުގެ އައިނު ފިހާރައިން ނަންބަރު ނެގުމާއި އައިނުގެ ލެންސް ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށާއި، އެތަނުގައި ގާއިމްކޮށްފައިވާ މެޝިންތަކުގެ އެހީގައި ކެޓެރެކްޓް އަދި ލޮލުގެ ޕްރެޝަރު ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެއާއެކު ދުރާލާ ގްލައުކޯމާ އަށް ޑިޓެކްޓު ކުރެވޭނެ ގޮތްވެސް މި މެޝިންތަކުން ފޯރުކޮށްދޭނެ ކަމަށް ހަލީމް ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިހާރު ވަނީ، އާސަންދައިން މީގެ ކުރިން އައިނު ހެއްދުމަށް ދެމުން އައި 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު