އޭއީއެޗްގެ އެންއައިސީޔޫގައި މަސައްކަތް ކުރާ ނަރުހުންތަކެއް- ފޮޓޯ: އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އޭއީއެޗްގެ އެންއައިސީޔޫގައި މަސައްކަތް ކުރާ ނަރުހުންތަކެއް- ފޮޓޯ: އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަލަށް އުފަންވާ ކުދިންނަށް ފަރުވާދިނުމަށް ޚާއްސަ ނަރުހުން ތަމްރީނުކުރުމަށް ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގެ އެންއައިސީޔޫގެ ނަރުހުން ބައިވެރިވާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެއެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ކޮންފަރެންސްގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2 ނަރުހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ކޮންފަރެންސްގައި މަޢުލޫމާތު ދެއްވާނީ ކުޑަކުދިންގެ ހިތުގެ ޚާއްސަ ޑޮކްޓަރުން، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން، އަދި ދުވަސް ނުފުރާ ވިހާ ކުދިންގެ ލޮލުގެ މައްސަލަތައް ދެނެގަތުމާ ގުޅޭގޮތުން ލޮލުގެ ޚާއްސަ ޑޮކްޓަރު ހިމެނޭ ޓީމަކުންނެވެ.

މި ކޮންފަރެންސާ އެކު މާލެ އާއި އަތޮޅުތަކުގައި އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންނަށް އިތުރު ތަމްރީނު ލިބިގެންދާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ވަނީ ބުނެފައެވެ.

އަދި މި ކޮންފަރެންސްގެ ސަބަބުން އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންގެ މެދުގައި ވަރުގަދަ ނެޓްވޯކެއް ޤާއިމުކުރެވި، ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދިމާވާ ކަންކަމުގައި މަޝްވަރާކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު