ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަގީނުންވެސް ހައްލު ކޮށްދެއްވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެއްބާރުލުމާއެކު މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރެވެމުންދާއިރު، މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ބިލު ބޭރުކުރުމަށް ގޮވާލައި ނޫސްވެރިން ދަނީ އަޑުއުފުލަމުންނެވެ.

ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނުގައި މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.

އެގޮތުން ނޫސްވެރިން ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު މި ބިލުގައިވާ ގޮތަށް މީޑިއާގެ ރެގިއުލޭޓްރީ ނިޒާމު އިންތިޒާމުވުމަކީ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ދާނެ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އަދި ބިލު ފަރުމާކޮށްފައިވާ ގޮތުން ނޫސްވެރިކަމުގެ ދާއިރާގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށާއި، ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ޒިންމާ އިންތިހާއަށް ހަނިކޮށް، ވަކި ބަޔަކަށް ނޫސްވެރިންގެ މަސައްކަތްތަކަށް ބާރު ފޯރުވެވޭ ގޮތަށް ކަމަށްވެސް ނޫސްވެރިން ފާހަގަކުރިއެވެ. މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ނޫސްވެރިންނަަށް ދަތިވެ، ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުއަކީ ނޫސްވެރިންގެ ގޮންޖެހުންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ، އަދި ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ޚާލިސް ނިޔަތަކާއެކު މަސައްކަތް ކުރައްވާ ވެރިއެއް ކަމަށެވެ.

"އެހެންކަމުން މިހާރު މަޖިލީހުގައިވާ ބިލުގައިހުރި ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ހައްލުކޮށްދެއްވާނެކަން ޔަޤީން،" މިނިސްޓަރ ވިދާޅުވިއެވެ.

މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ ބިލަށް އިސްލާހުތަކެއް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު