އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
މިއަހަރުގެ ޑިމޮކްރެސީ ދުވަހު ފެންނަމުން މިދަނީ ބުރަ މަސައްކަތުން ހޯދި ޑިމޮކްރެޓިކް ހައްގުތަކާއި މިނިވަންކަން ފުނޑުވަމުންދާތަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގައި މިހާރު ޖުޑިޝަރީގެ މިނިވަންކަމެއް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީސްވެސް ހިންގަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.

އަދި މިކަންކަމާމެދު ވާހަަކަދައްކައި އަޑުއުފުލާ ފަރާތްތަކަށް ބިރުދައްކައި، ފުރައްސާރަކޮށް، އުނދަގޫތައް ކުރިމަތިކުރުވަމުންދާކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ޝާހިދުގެ ޕޯސްޓުގަައި ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނުރައްކާތެރި "މީޑިއާ ކޮންޓްރޯލް" ބިލަކީ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ ހަގީގަތް ހާމަކުރިޔަ ނުދޭންވެގެން ނޫސްވެރިކަމަށް ދޭ 'ހަމަލާ' އެއް ކަމަށެވެ.

މިގޮތަށް މީޑިއާގެ މިނިވަންކަން ނަގާލައި، ފާޑުކިޔުންތެރިން ހިމޭންކޮށް، އިންސާފު ސިޔާސީ ކުރުމުން ޑިމޮކްރެސީ އަނދިރީގައި މަރުވެދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ރާއްޖޭގެ ހާލަތު މިހާހިސާބަށް ގޮސްފައިވާތީ ރާއްޖޭގެ ރައްޔިތުންނާއެކު ވުމަށް ޝާހިދު ވަނީ ޑިމޮކްރެސީއާ ރަހްމަތްތެރި ހުރިހާ ބައިނަލްއަޤްވާމީ އިދާރާތަކަށް ގޮވާލަަްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު