އައްޑޫ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް
މުޅި ރިޓަޔަމެންޓް ޕެންޝަން ނިޒާމް އުވާލައިފިނަމަ ދައުލަތަށް ވަރަށް ގިނަ ފައިސާ ސަލާމަތްކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގެ ކުރީގެ ރައީސުންނަށާއި މެމްބަރުންނަށް ލިބެމުންދިޔަ ބައެއް އިނާޔަތްތައް ކަނޑާލަން އެގައުމުގެ މަޖިލީހުން ދާދި ފަހުން ނިންމެވި ނިންމުނާ ގުޅިގެންނެވެ. އިނާޔަތްތައް ކަނޑާލުމުގެ ސަބަބުން އެމީހުން ދިރިއުޅެމުންދިޔަ 'ލައިފްސްޓައިލް' ވަނީ ދޫކޮށްލަން ޖެހިފައެވެ.

މިކަމަށް އިޝާރާތްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގައިވެސް ކަން ހިނގަމުންދާ ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އިންތިހާބުކުރެވޭ އޮފިޝަލުންނަށް ލިބޭ އިނާޔަތްތައް ކަނޑާލަން މަސައްކަތް ކުރަމުންދާއިރު، ދެން އަދި ބާކީ ތިބި މީހުންގެވެސް އިނާޔަތްތައް ކަނޑާލާނެ ކަމަށެވެ. އަދި އިންތިހާބުކުރެވޭ އޮފިޝަލުންނަށް މުސްކުޅި އުމުރުގައި ފަގީރުންގެ ގޮތުގައި ދިރިއުޅެން ރަނގަޅުވާނަމަ، އިމްތިޔާޒު ލިބިފައިވާ މަދު ބަޔަކު ފިޔަވައި، ރިޓަޔަރކުރާ ސަރުކާރު އެއްވެސް މުވައްޒަފަކަށް ޕެންޝަން ލިބެންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ރިޓަޔަރމަންޓް ޕެންޝަން ނިޒާމު އުވާލައިފިނަމަ ސަރުކާރަށް ވަރަށް ގިނަ ފައިސާ ސަލާމަތްކުރެވިދާނެ ކަމަށެވެ.

އިންތިޚާބުކުރެވޭ އެއްވެސް އޮފިޝަލަކަށް ރިޓަޔަރކުރުމުން ލާރިއެއްވެސް ޕެންޝަނުގެ ގޮތުގައި ލިބިގެން ނުވާނެ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރަމުން ޝަރީފް ވިދާޅުވީ މިއީ ނުބައި ނިޔަތެއްގައި ފަތުރާ ޕްރޮޕަގަންޑާއެއް ކަމަށެވެ.

ސަރުކާރަށް މިހާރުގެ ޕެންޝަން ސްކީމަށް ފައިސާ ދެވެން ނެތްނަމަ، މުޅި ނިޒާމު އިސްލާހުކޮށް، މިހާރުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތަށް ދެމެހެއްޓެނިވި އަދި ބެލެހެއްޓޭނެ މިންވަރަކަށް ހަރަދުތައް ދަށްކުރަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޕެންޝަން ވެސް ކުޑަކުރަންޖެހޭނެ ހަރަދުތައް ދަށްކުރުމަށްޓަކައި. މަދު ބައެއްގެ އިނާޔަތްތަކަށް އެކަނި ބަދަލުގެނައުމަކުން ފުދޭނެކަމަކަށް ނުބެލެވޭ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިނާޔަތްތައް އުނިކުރުން ފެށިގެންދާނީ ކުރީގެ މެންބަރުންނާއެކު ކަމަށެވެ. އެހެންނަމަވެސް، މިކަން ނިމެންޖެހޭނީ ސަރުކާރު ހުރިހާ މުވައްޒަފުންނާ ހަމައަށް ގޮސްގެންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ގައުމުތަކުގައި ޕެންޝަން ސްކީމުތައް ހިންގާ ވަކި ސަބަބުތައް ވާކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ވާހަކަތައް އަޑުއަހައިގެން އެގޮތަށް ކަންކަން ނިންމާނަމަ، އެންމެ ރަނގަޅުވާނީ މުޅި ޕެންޝަން ނިޒާމު އުވާލުން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މެންބަރުންގެ އިނާޔަތް ކަނޑާލަން ގޮވަމުންދާ ފަރާތްތަކުން ދެން ޑިމާންޑު ކުރާނީ ރިޓަޔަމަންޓް ޕެންޝަން އުވާލަން ކަމަށެވެ. 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް 5000 ރުފިޔާ ދިނުމުން ފުދޭނެ ކަމަށް ބުނެ، ރިޓަޔަމެންޓް ޕެންޝަން ދިނުމާމެދު އެފަރާތްތަކުން ސުވާލު އުފައްދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މުޅި ޕެންޝަން ނިޒާމު އުވާލައިފިނަމަ ދައުލަތަށް މިލިއަނުން ފައިސާ ސަލާމަތްކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މުވައްޒަފުން އެމީހުންގެ މުސާރައިން ބައެއް ޕެންޝަން ސްކީމަށް ދައްކަން ނުޖެހޭނެ ކަމަށާއި، އޭގެ ސަބަބުން މިހާރު އުފާވެރިކަމާއެކު ދިރިއުޅެވިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު