މާލޭ މެދުޒިޔާރަތް، ފޮޓޯ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް
މާލޭ މެދުޒިޔާރަތް، ފޮޓޯ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް
މި މަޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލަން ގަސްތުކުރަނީ ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވީ ބޭކަލެއްގެ ނަމުގެ މައްޗަށެވެ. މި މައުޟޫޢުއަށް ތަޙުޤީޤީ ދިރާސާއެއް ކުރުމަށްޓަކައި، އަޅުގަނޑު ވަނީ އެކި މަޞްދަރުތަކުން ލިބެންހުރި ލިޔެކިޔުންތައް ވަޒަންކޮށް ބަލާފައެވެ.

މިގޮތުން، އެންމެ ފުރަތަމަ ހުށަހަޅަން ގަސްތުކުރަނީ ދިވެހިރާއްޖެ އިސްލާމްވި ގޮތާ ބެހޭގޮތުން އަލްޤާޟީ ޙަސަން ތާޖުއްދީނު، ’ތާރީޚު އިސްލާމި ދީބާމަޙަލް‘ ގައި ބަޔާންކުރައްވާފައިވާ ބަޔާނުގައިވާ ބޭކަލެއްގެ ނަމެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވަން ފެއްޓެވި މި ތާރީޚަކީ ދިޔަމިގިލީ ބަންޑާރައިން، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (1704-1721 މ.) ގެ އަމުރުފުޅަށް އެކަލޭގެފާނު ލިޔުއްވަން ފެއްޓެވި ތާރީޚެކެވެ. ދިޔަމިގިލީ ބަންޑާރައިންގެ ދަރިކަލުން ކޮރުބަންޑާރައިން، އާދެ، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައި މީލާދީން 1752 ވަނަ އަހަރު މަލާބާރީން މާލެއަށް ޙަމަލާދީ އެތެރެކޮއިލު އަންދާލިއިރު ތާޖުއްދީން ލިޔުއްވި ފޮތުގެ އަޞްލު ވަނީ އަނދައިގެން ގޮސްފައެވެ. ނަމަވެސް ފޮތުގެ ނަކަލުތައް އެކިއެކި މީސްމީހުންގެ އަތުގައި ރައްކާކުރެވިފައިހުއްޓެވެ. ތިރީގައި މިވަނީ އޭގެތެރެއިން ނަކަލަކުން ކޮށްފައިވާ ތަރުޖަމާއެކެވެ. މިއީ ’ދިވެހި ތާރީޚަށް އައު އަލިކަމެއް‘ މި ފޮތުގައި ޝާއިޢުކުރެވިފައިވާ ތަރުޖަމާއެވެ.

”އަރަހުށި މާތްރަސްކަލާނގެ ދިވެހިރާއްޖޭގެ މީހުންނަށް އިސްލާމްދީނަށް ތެދުމަގު ދައްކަވައި، ބުދަށް އަޅުކަންކުރުމާއި، މަގުގެއްލިގެންވުމާއި، މަގުފުރެދުމާއި ޝަރީކުކަމުގެ ހުތުރުކަމުން ސަލާމަތްކުރައްވައި ޖާހިލުކަމާއި ކާފަރުކަމުގެ އަނދިރިކަމުގެ ތެރެއިން ނެރުއްވުމަށް އިރާދަކުރައްވައިފި ހިނދު قطب الرّيّانى سرالرّوحانى شيخ المشائخ الورع الزّاهد الكامل العالم الفاضل الشّامخ الوليّ الكبيرالجلى العارف بربّه القادر العلي مولانا وقدوتنا وعمدتنا الشيخ يوسف شمس الدين التبريزىގެ ހިތްޕުޅުގައި ދިވެހިރާއްޖެއާއި ކުރިމަތިލެއްވުމުގެ އެދުން ޖައްސަވައިފިއެވެ. ދެން އެކަލޭގެފާނުންގެ އަމިއްލަ ރަށްކަމުގައިވާ التبريزން ޣާއިބުވެ ދިވެހިރާއްޖެއިން ފާޅުވެއްޖެއެވެ…. މި މުހައްމަދު ރަސްގެފާނާއި އޭނާގެ އަރިހުގައިވާ މީހުން އިސްލާމްވީ الشيخ يوسف شمس الدين التبريزى ގެ އަތްޕުޅު މައްޗަށް ރަބީޢުލްއާޚިރު މަހުގެ ތެރޭގައެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުއެވެ. ބަޣްދާދު ރަސްކަމުގައި ހުންނެވި އައްސުލްތާނު އަލްމުޤްތަފީ ލިއަމްރިﷲ ގެ ޚަލީފާވެރިކަމުގައެވެ. އެއީ އޭނާގެ ޚަލީފާވެރިކަމުން 16 އަހަރު ވޭތުވުމަށްފަހުގައެވެ…. ދެން މިބުނެވުނު الشيخ يوسف التبريزى ގިނަ ދުވަހު ނުހުންނަވައި ދިވެހިރާއްޖޭގައި އަވަހާރަވެއްޖެއެވެ. ވަޅުފުޅުލެއްވީ މިހާރަށްދާންދެންވެސް މެދުޒިޔާރަތުގެ ގުއްބު ހުރިތާގައެވެ.“

ދިވެހިރާއްޖޭގެ އިސްލާމްވުމާ ގުޅޭގޮތުން، ވިހިވަނަ ޤަރުނުގެ ފެށުމާ ހަމައަށް ދިވެހިންގެ މެދުގައި ޢާންމުވެ، މަޝްހޫރުވެފައިވާ ރަސްމީ ރިވާޔަތަކީ މިއީއެވެ. އެއީ، ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު، އެދުވަސްވަރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި ރަސްގެފާނު، ތަބްރީޒުން ވަޑައިގެންނެވި ޔޫސުފް ޝަމްސުއްދީން ނަމަކަށް ކިޔުނު ޢިލްމުވެރިޔެއްގެ ފަރާތްޕުޅުން އިސްލާމްދީން ޤަބޫލުކުރެއްވި ވާހަކައެވެ. އަދި އެކަލޭގެފާނު އަވަހާރަވުމުން މެދުޒިޔާރަތުގައި ވަޅުފުޅުލީ ވާހަކައެވެ.

ދެން މި ގެނެސްދެނީ ދިވެހީންގެ ތެރެއިން ވާހަކަ ކިޔައިއުޅުނު މަޝްހޫރު މީހެއްކަމުގައިވާ ބުރާރަ މުޙައްމަދުފުޅު ނުވަތަ އާންމު ނަމުން ބުރާރަކޮއި ކިޔާފައިވާ ”ކޮއިމަލާ“ ވާހަކައިގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖެ އިސްލާމްވި ގޮތުގެ ވާހަކައިގަ ތަންކޮޅެކެވެ. މި ވާހަކަ ވެސް މި ނަކަލުކޮށްލަނީ ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ މި ފޮތުންނެވެ.

”ކޮއިމަލާ ރަސްގެފާނު ރަސްކަންކުރައްވާތާ ދުވަސްކޮޅެއްވީ ފަހުން، ކޮންމެ މަހެއްގެ ސާދަ، ފަނަރާގައި ކަނޑުން އެއްޗެއް އަރަން ފަށައިފިއެވެ….މިގޮތަށް ކަންތައްކުރަމުން ގެންދަނިކޮށް މާތް ވަލީވެރި ބޭކަލަކު ދިވެހިރާއްޖެއަށް ދުރުވެއްޖެއެވެ. މިކަލޭގެފާނުގެ ނަމަކީ يوسف شمس الدين التبريزى އެވެ. ކޮންމެއަކަސް މިބޭކަލަކު ހުންނަވަނީ ކާޅުގުއިރޭމަގުގައި ހުރި ފަގީރު ދެމަފިރިއެއްގެ ގޭގައެވެ. ދެން އައިމަހު ފުރޭތައަށް ދައްކާނޭ އަންހެންކުއްޖަކަށް ގުރުއަތުން ނެގުނީ تبريزىގެފާނު ހުންނެވި ގޭގައި ތިބި ދެމަފިރިންގެ އަންހެންދަރިފުޅެވެ…. މިކަންކުރައްވާފައި تبريزގެފާނު އެންގެވީ ރަސްގެފާނު އިސްލާމްވެވަޑައިގަތުމަށެވެ. ކޮންމެ އަކަސް މިފަހަރު ހަމައެވަގުތުމެ ރަސްގެފާނު އިސްލާމްވެވަޑައިގެންފިއެވެ…. تبريزގެފާނު ހުންނެވީ ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގައެވެ. ދަރުމަވަންތަ ރަދުން ރަސްކަން ހިންގަވަނީ އެކަލޭގެފާނުގެ ފުރިހަމަ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. تبريزގެފާނު މާލޭގައި އަވަހާރަވީ ރަޖަބު މަހެއްގެ 6 ވަނަ ދުވަހުއެވެ. އެކަލޭގެފާނު تبريزى ގައި އަވަހާރަވީ އެމަހު 9 ވަނަ ދުވަހުއެވެ.“

މި ވާހަކަ ވަނީ މީލާދީ ސަނަތުން 20 ވަނަ ޤަރުނާ ހަމައަށް ދިވެހިންގެ މެދުގައި ކިޔަމުން އައިސްފައިވާ ފޯކުލޯރެކެވެ. މީގައި ވެސް މިއޮތީ ޔޫސުފް ޝަމްސުއްދީން އައްތަބްރީޒީއެވެ. މިއީ އާންމުކޮށް ”ތަބްރޭޒުގެފާނު“ ގެ ނަމުން މަޝްހޫރުވެފައިވާ މި ވަލީވެރިޔާއެވެ. މިކަލޭގެފާނާ ގުޅޭ އެހެނިހެން ވާހަކަތައްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވެއެވެ. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް އެކަލޭގެފާނާ ގުޅުންހުރި ވާހަކަތައް ކިޔައިއުޅެއެވެ. އަދި އެކަލޭގެފާނަށް ނިސްބަތްވާ ތަންތަން ފެންނަން އެބަހުއްޓެވެ. މިގޮތުން ކެންދޫއާއި އަލިފުށީގައި ހުންނަ ތަބްރޭޒީގެފާނުންގެ މަގާމުފުޅުތަކަކީ ފާހަގަކޮށްލެވޭ ތަންތަނެވެ.

ދިވެހިރާއްޖެ އިސްލާމްވި ގޮތުގެ ތާރީޚާއި، އިސްލާމްދީން ފަތުރުއްވި ބޭކަލުންގެ މަޢުލޫމާތު ހިމެނޭ އެކިއެކި ލިޔެކިޔުންތަކަށް ބަލާއިރު، އެންމެ ދުވަސްވީ ލިޔުމަކީ ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި މާލޭ ހުކުރު މިސްކިތް ބާވުމުން، އެ ތަނުގައި އައްސުލްޠާން އަޙްމަދު ޝިހާބުއްދީން (1340-1348 މ.) ބިނާކުރެއްވި މިސްކިތުގައި ބެހެއްޓެވި ފިލައެވެ. މި ފިލާ މިހާރުވެސް ޤައުމީ ދާރުލްއާސާރުގައި ރައްކާތެރިކަމާއެކު ބެހެއްޓިފައިވެއެވެ.

އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ބިނާކުރެއްވި ހުކުރު މިސްކިތް ބާވެގެން، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1648-1687 މ.) އެ މިސްކިތް އަލުން ބިނާކުރެއްވިއެވެ. މި މަސައްކަތުގައި، ކުރިން ދެންނެވުނު ޝިހާބުއްދީނު ރަސްގެފާނުގެ ފިލައިގައިވާ ލިޔުންތައް އައު ފިލައަކަށް ނަކަލުކުރައްވައި، އެ ފިލާ ހުކުރު މިސްކިތުގައި ބެހެއްޓެވިއެވެ. މި ފިލާ މިހާރުވެސް ހުކުރު މިސްކިތުގައި ފެންނަން ހުރިކަން ފާހަގަކޮށްލަމެވެ. މީގެ އިތުރުން ހުކުރު މިސްކިތުގެ މެދުމިސްކިތުގެ ތެރޭގައި ލާފެންކޮށްފައި ހުރި ފިލައެއްގައި ވެސް އިސްލާމްކުރެއްވި ކަލޭގެފާނުގެ ނަންފުޅު ލިޔެވިފައިވެއެވެ.

މައުޟޫޢުގެ މައްޗަށް ހެކިދޭ ދުވަސްވީ އަނެއް ލިޔުމަކީވެސް ހަމަ އިސްކަންދަރު ރަސްގެފާނާ ގުޅުންހުރި ލިޔުމެކެވެ. އެއީ އައްޑުއަތޮޅު ގަމުގެ ހުކުރު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފިލާފަތްކޮޅެވެ. ދިވެސް އަކުރުން އޮތް މި ފިލާފަތްކޮޅުވެސް މިހާރު ޤައުމީ ދާރުލްއާސާރުގައި ބެހެއްޓިފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު ހުރިހާ ފިލައެއްގައިވާ ލި ލިޔުންތަކުގައި، ދިވެހިރާއްޖެ އިސްލާމްކުރެއްވުމުގެ ޝަރަފު ދެއްވާފައިވަނީ ތަބްރޭޒީގެފާނަށެވެ. މި ސަބަބާހުރެ، 20 ވަނަ ޤަރުނުގެ ކުރީކޮޅާ ހަމައަށް، ހުރި ތާޖުއްދީނުގެ ތާރީޚާއި، ދިވެހީންގެ ފާތިހާފޮތްތަކުގައްޔާއި، ޙާޖީ އިމާދުއްދީނުގެ ދިވެހި ތާރީޚު ފޮތުގައްޔާއި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ގެ ދުވަސްވަރުގެ ކުރީކޮޅު ހަމައަށް ހުރި ލިޔެކިޔުންތަކުގައި، ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތަބްރޭޒީގެފާނެވެ. މީގެ އިތުރުން، އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ރަސްކަމުގައި މާލޭ މެދުޒިޔާރަތް މަރާމާތުކުރެވުނުއިރު، ގުއްބުކޮޅުގެ މަތީގައި ހުރި ދަނޑިކޮޅުގެ ކޮޅުގައި ހަރުކޮށްފައިވާ ތުއްރަވާހުގައިވެސް، އެތަނުގައި ފަސްދާނުލައިފައިވާ ބޭކަލެއްގެ ގޮތުގައި ލިޔެފައިވަނީ ޔޫސުފް ޝަމްސުއްދީނުއް ތަބްރީޒީގެ ނަންފުޅެވެ.

އިސްލާމްދީން ދިވެހިރާއްޖެއަށް ތައާރަފުކުރެއްވި ބޭކަލާ ބެހޭގޮތުން ދިވެހިންގެ މެދުގައި އޮތް ޤަބޫލުކުރުން ދެކަފިވެގެން ދިޔައީ، ވިހިވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެންނެވެ. މި ބަދަލު އައީ، އެ ދުވަސްވަރު ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމަށް ވަޑައިގެންނެވި އެޗް.ސީ.ޕީ. ބެލްގެ ފަރާތުން ލިބުނު އައު މަޢުލޫމާތުތަކުގެ ސަބަބުންނެވެ. އެޗް.ސީ.ޕީ. ބެލްއަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ދުރުވެވުނީ 1879 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އޭނާ ދަތުރުކުރެއްވި ”ސީގަލް“ ނަމަކަށް ކިޔުނު ނާ ގާފަރު ފަރަށް އެރުމާ ގުޅިގެންނެވެ. އެ ދަތުރުގައި މާލޭގައި ހޭދަކުރެއްވި މަދު ދުވަސްތަކުގައި އެއްކުރެއްވި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 1881 ވަނަ އަހަރު ރިޕޯޓެއް ތައްޔާރުކުރައްވައި، އޭރު އޭނާ މަސައްކަތްކުރައްވަމުން ގެންދެވި ސިލޯނުގެ އިނގިރޭސި ސަރުކާރަށް ހުށަހެޅުއްވިއެވެ. 1920 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި، ބެލް ދެވަނަ ފަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ. މި ދަތުރުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުނީ ކުރީގެ ރިޕޯޓު މުރާޖަޢާކޮށް އައު ރިޕޯޓެއް ތައްޔާރުކުރެއްވުމާއި، ޙަސަން ތާޖުއްދީންގެ ތާރީޚު އިސްލާމި ދީބާ މަޙަލްގެ ކޮޕީއެއް ހޯއްދެވުމާއި، އިސްލާމްދީން އައުމުގެ ކުރިން ދިވެހިރާއްޖޭގައި އޮތް ކަމަށް ބެލެވޭ ބުދުދީނާ ގުޅޭ ތަންތަނާއި ކަންތައްތަކާ ބެހޭ ތަޙްޤީޤެއް ކުރެއްވުމެވެ. މި ދަތުރާ ގުޅޭގޮތުން ޚާއްޞަ ރިޕޯޓެއް ލިޔުއްވައި، ފޮތެއްގެ ސިފައިގައި ޝާއިޢުކުރެއްވިއެވެ.

1922 ވަނަ އަހަރުގެ ފެބްރުވަރީ 2 އިން ސެޕްޓެންބަރު 22 އަށް، ބެލް ތިންވަނަ ދަތުރެއްގައި ދިވެހިރާއްޖެއަށް ދުރުވިއެވެ. މި ދަތުރުގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވައި، އާސާރީ ތަންތަނާއި ދުވަސްވީ ލިޔެކިޔުންތައް ދިރާސާކުރެއްވިއެވެ. މި ދިރާސާގެ މައްޗަށް ބިނާކޮށް، ރޯޔަލް އޭޝިއާޓިކް ސޮސައިޓީގެ ސިލޯނު ގޮފީގެ ޖަރނަލްގައި ”އެކްސަރޕްޓާ މޯލްޑިވިއާނާ“ ގެ ނަމުގައި ސިލްސިލާ މަޟްމޫނުތަކެއް ލިޔުއްވިއެވެ. ފަހުން މި މަޟްމޫނުތައް އެއް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރެއްވިއެވެ. އޭގެ އިތުރުން، ބެލް އެއްކުރެއްވި ގިނަ މަޢުލޫމާތުތައް ހިމަނުއްވައިގެން، ”ދަ މޯލްޑިވް އައިލެންޑްސް: މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ އެންޑް އެޕިގްރަފީ“ ގެ ނަމުގައި ފޮތެއްވެސް ޝާއިޢުކުރެއްވިއެވެ. މި ފޮތުގައި ދިވެހިރާއްޖޭގެ ތާރީޚާއި، ޤަދީމީ އާސާރުތަކާއި، އަދި ޒަމާންވީ ލިޔެކިޔުންތަކުގެ މައްޗަށް ތަފްޞީލީ މަޢުލޫމާތު ހިމަނުއްވާފައިވެއެވެ.

އެޗް.ސީ.ޕީ. ބެލްގެ ދިރާސީ މަސައްކަތުގައި އެހީތެރިވެދެއްވި އެދުވަސްވަރު ދިވެހިރާއްޖެ ސިޔާސީ ގޮތުން ހިންގަވަން ތިއްބެވި އެންމެ އިސް ބޭބޭފުޅުންނެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި، އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި، އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި، އަތިރީގޭ ޢަބްދުލްޙަމީދު ދީދީއާއި، އަތިރީގޭ މުޙައްމަދު އަމީން ދީދީއާއި، ދަރަވަންދޫގޭ ޙުސައިން ދީދީ (އައްޝައިޚް ޙުސައިން ޞަލާޙުއްދީން) އެވެ.

ބެލްގެ ވާހަކައާއި އޭނާއަށް އެހީތެރިވެދެއްވި ބޭފުޅުންގެ ނަންތައް މި ފާހަގަކުރީ ވަރަށް މުހިންމު މަޤްޞަދެއްގައެވެ. އެއީ، ދިވެހި ތާރީޚާއި ފޯކްލޯރުގައި ޒަމާނުއްސުރެ ކިޔަމުން އައި ބޭކަލެއްގެ ނަމާއި ރަށް އެއްކޮށް ބަދަލުވެގެން ދިޔަ ގޮތް ހާމަކޮށްދިނުމަށެވެ. މި ބަދަލު އައީ ބެލް ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމުގެ ތެރެއިން ފާހަގަކުރެވުނު ލިޔުމެއްގެ ސަބަބުންނެވެ. އަދި އޭނާއަށް އެހީތެރިވެވަޑައިގެންނެވި ބޭފުޅުންނަކީ، މި އަލަށް ފެނުނު ލިޔުމުގެ މައްޗަށް ބިނާކޮށް ތާރީޚު އިޞްލާޙުކޮށް ރަސްމީކުރެއްވި، އަދި އެ ދުވަސްވަރު ދިވެހިންގެ މައްޗަށް ވެރިކަން ހިންގެވި އިސް ފަރާތްތަކެވެ. މީގެ އިތުރުން، ދިވެހިންގެ ދީނީ ކަންކަމުގައި އެންމެ އިސްކޮށް ހުންނެވި ފަނޑިޔާރު މަނިކުފާނުވެސް މި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ.

އިސްވެ ދެންނެވުނު ފަދައިން ބެލްގެ ފުށުން ތިލަވެގެން ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަމާއި ރަށް އެހެން ގޮތަކަށް ބަދަލުވެގެން ގޮސްފައިވިއެއްކަމަކު، ބެލްފޮތުގައި އޭނާ މުޅީންވެސް ލިޔުއްވާފައި ހުރީ އެ ދުވަސްވަރު ދިވެހީން އެބޭކަލެއްގެ ނަން ކިޔަމުން އަންނަ ގޮތަށެވެ. ބެލްފޮތޭ މިދަންނަވަނީ އޭނާ ލިޔުއްވި މޮނޮގްރާފްގެ ވާހަކައެވެ. މިގޮތުން ބެލްފޮތުގެ 8 ވަނަ ސަފުހާގައި ލިޔުއްވާފައި އޮތީ މިފަދައިންނެވެ.

May 24 – Henveru Kuda Hiti (26th Ramazan), Royal procession again at night to Medu Ziyarat, which is opposite to Hukuru Miskit. Fatiha said at the tombs of Shaikh Yusuf Shams-ud-din of Tabriz (apostle of Islam to the Maldives, mid-Twelfth Century),..

ބެލްފޮތުގައި މިވާހަކަ މިގޮތަށް ލިޔުއްވުމަށްފަހު، ޙަސަން ތާޖުއްދީނުގެ ތާރީޚު ފޮތުގައި ހުރި ރަސްރަސްކަންލުންގެ ތާރީޚުގެ އިނގިރޭސި ތަރުޖަމާ ލިޔުއްވި އިރު، ދިވެހިރާއްޖޭ ރަދުން އިސްލާމްކުރެއްވި ޝައިޚް ޔޫސުފް ޝަމްސުއްދީން އައްތަބްރީޒީގެ ނަމާއި އެކަލޭގެފާނު ދެއްކެވި ކަރާމާތުގެ ވާހަކަ ލިޔުއްވުމަށްފަހު، އޭގެ ފުޓްނޯޓެއްގެ ގޮތުގައި އިބްނުބަޠޫޠާ އެ ވާހަކަ ގެންނަވާ ގޮތް ބަޔާންކުރައްވާފައިވެއެވެ. އޭގައި ބެލް ލިޔުއްވާފައި އޮތީ މިފަދައިންނެވެ.

*Ibn Batuta, as a native of Tangier, would assign the credit of the Conversion to Abul-Barakat, the Berber, a Maghrabin.

އާދެ، މަޣްރިބްކަރައިގެ އިބްނުބަޠޫޠާ ދިވެހިރާއްޖެ އިސްލާމްކުރެއްވި ކަމަށް ކަނޑައަޅުއްވާފައިވާ ބޭކަލަކީ އަބުލްބަރަކާތުލް ބަރުބަރީ އަލްމަޣްރިބީ ކަމަށެެވެ. މިއީ ދިވެހީންނަށް އަބުލްބަރަކާތުލް ބަރުބަރީގެ ނަމެއް އިވުނު ކަމަށް ނުވަތަ ފެނުނު ކަމަށް ލަފާކުރެވޭ ހިސާބެވެ. މިދަންނަވަނީ ފޮތުގައި އެވާހަކަ ލިޔުއްވި ހިސާބެއް ނޫނެވެ. ފޮތް ލިޔުއްވުމަށްޓަކައި ބެއްލެވި ލިޔުންތަކުގެ ވާހަކަ، އޭރު ބެލްއަށް އެހީތެރިކަންދެއްވި ބޭބޭފުޅުންނަށް އިވިވަޑައިގެންނެވި ހިސާބެވެ. ނުވަތަ އިވިވަޑައިގެންނެވި ހިސާބުކަމަށް ބެލެވޭ ހިސާބެވެ. އެހާ ހިސާބުން ފެށިގެން ދިވެހި މި ދެންނެވި ބޭބޭފުޅުންގެ ލިޔުންތަކުން އިބްނު ބަތޫތާގެ ވާހަކަ ފެންނަން ފަށައިފިއެވެ. އޭގެ ކުރިން ދިވެހި ތާރީޚުގެ އެއްވެސް ލިޔެކިޔުމެއްގައި އިބްނުބަޠޫޠާގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚުގައިވެސް ރާދަވަޅިއެއްގައިވެސް އަދި އެނޫންވެސް އެފަދަ ލިޔުމެއްގައި އޭނާގެ ވާހަކަ ނެތީއެވެ.

އިބްނުބަޠޫޠާއަކީ 14 ވަނަ ޤަރުނުގައި ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދަތުރުވެރިއެކެވެ. މިލާދީން 1304 ވަނަ އަހަރު މަޣްރިބުކަރައިގެ ތަންޖާގައި އުފަންވި އިބްނުބަޠޫޠާ އޭނާގެ އުމުރުން، 21 އަހަރުގައި ފެށި ދަތުރުތަކުގައި 29 އަހަރު ހޭދަކުރެެއްވިއެވެ. މި ދަތުރުތަކުގައި ދިވެހިރާއްޖެއަށްވެސް ޒިޔާރަތްކުރައްވައި، ގިނަ ދުވަސްތަކެއް މިތާނގައި ހޭދަކުރެެއްވިއެވެ. އިބްނުބަޠޫޠާގެ ދަތުރުނާމާ ލިޔެވުނީ މަޣްރިބުކަރައިގެ ރަސްގެފާނު އައްސުލްޠާން އަބޫ އިނާން ފާރިސްގެ އަމުރުފުޅަށެވެ. މި ފޮތް އެކުލަވާލައި، އެޑިޓްކޮށް، އަދަބީ ސިފަޖެއްސެވީ ރަސްގެފާނުގެ ކާތިބު މުޙައްމަދު އިބްނު އަޙްމަދު އިބްނުޖުޒައްޔެވެ. ބައެއް މީހުން ދެކޭގޮތުގައި މިއީ އިބްނުބަޠޫޠާ އަނގަބަހުން ކިޔައިދެއްވުމުން އިބްނުޖުޒައްޔު ލިޔެ އެކުލަވާލި ފޮތެކެވެ. މި ދަތުރުނާމާ ލިޔެވުނު ކަމަށް ލަފާކުރެވެނީ 1352 އާއި 1355 އާ ދެމެދުގައެވެ. ނަމަވެސް، މި ދަތުރުނާމާއާ ގުޅޭގޮތުން ބައެއް ސުވާލުތައް އުފެދިފައިވެއެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އިބްނުޖުޒައްޔު މި ފޮތް ލިޔުމުގައި އެހެން ދަތުރުވެރިންގެ ލިޔުންތަކުން ބައިތަކެއް ނަކަލުކޮށްފައިވެއެވެ. އަދި މި ފޮތުގެ ތަޙްޤީޤު ކުރެއްވި ބައެއް ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ގޮތުގައި މިފޮތުގައި ވަރަށް ގިނަ ކުށް އެބަހުއްޓެވެ. ނުވަތަ ޙަޤީޤަތާ ޚިލާފު ވާހަކަތައް އެބަހުއްޓެވެ. 29 އަހަރުގެ ދިގު މުއްދަތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރެވުނު ދަތުރުތަކުގެ ތަޖުރިބާތައް އެއްފަހަރާ ލިޔާއިރު އޮޅުންތަކެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އިބްނުބަޠޫޠާ ނިޔާވީ މީލާދީން 1377 ވަނަ އަހަރުއެވެ.

އިބްނުބަޠޫޠާގެ ދަތުރުނާމާގެ ދިވެހިރާއްޖެއާ ބެހޭ ބައިގެ ދިވެހި ތަރުޖަމާގެ އެންމެ ފުރަތަމަ ކުރެއްވި ބޭފުޅަކީ، ބެލްއަށް އެހީތެރިވެދެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގެންނެވި އައްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. އެއަށްފަހު، ދިވެހި ތާރީޚު ދިރާސާކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ މި މަސައްކަތްކުރައްވައި ފޮތެއްގެ ސިފައިގައި ޝާއިޢުކުރައްވާފައިވެއެވެ. އައްޝައިޚް ޙުސައިން ޞަލާޙުއްދީނު ކުރެއްވި ތަރުޖަމާ އިޞްލާޙުކުރެއްވުމަށްފަހު، ބެލްއަށް އެހީތެރިވެދެއްވި ބޭފުޅުންގެ ތެރެއިން އަތިރީގޭ މުޙައްމަދު އަމީން ދީދީ އެކުލަވާލެއްވި ”ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“ މި ފޮތުގައި، ހިމަނުއްވާފައިވެއެވެ. އަދި ހަމައެހެންމެ، އިބްނުބަޠޫޠާގެ ރިޙްލާގައި ބައެއް ކަހަލަ އޮޅުންތަކެއް ހުރިކަން މުޙައްމަދު އަމީން ދީދީގެ ތަންޤީޙު ފޮތުގައި އެ މަނިކުފާނުވެސް ފާހަގަކުރައްވާފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ހަމައަށް ފޯރާފައިވާ މިންވަރު އިބުނު ބަޠޫޠާގެ ބަޔާންތަކުންވެސް އެނގެއެވެ. ދިވެހި ބަހަށާއި ދިވެހީންގެ އަތުލިޔުމަށާއި ދިވެހީންގެ ޘަޤާފަތަށް އީރާނުގެ އަސަރު ފޯރާފައިވާ މިންވަރަށް ވިސްނާއިރު البربر (އުތުރު އެފްރިކާ) އަށް ވުރެ އީރާނާއި ރާއްޖެއާއި ހުރި ގުޅުން ބަދަހިވެފައި ބޮޑުކަމަށް ދެކެމެވެ.“

އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ބެހެއްޓެވި އެފިލަޔަށް ދިޔުމުގެ ކުރިން އެއް ވާހަކައެއް ދަންނަވާލާނަމެވެ. މާލޭގައި މިހާރު ފެންނަން ހުރި ހުކުރު މިސްކިތަކީ ކުރިން މި ދެންނެވި ޝިހާބުއްދީން ރަސްގެފާނު އާކުރެއްވި މިސްކިތް ބާވެގެން އަދި ކުޑަވެގެން އިސްކަންދަރު ރަސްގެފާނު މުޅީން އަލަށް އިމާރާތްކުރައްވައި މީލާދީން 1658 ގައި ބެހެއްޓެވި މިސްކިތެކެވެ. އައްސުލްތާނު އިބްރާހީމް އިސްކަންދަރު (1) ހުކުރު މިސްކިތް ބަހައްޓަވައި ނިންމެވި އިރު މިސްކިތުގެ ތާރީޚުގެ މައްޗަށް ލިޔުއްވާފައިވާ ދެ ފިލާ، މިސްކިތުގެ މިހުރާބުގެއަށް ވަންނަ ދޮރުގެ ދެފަރާތުގައި ހުރި ދެ ކުޑަދޮރުގެ މަތީގައި ކަނޑައިނަގައި ލިޔުއްވާފައި އެބަހުއްޓެވެ. މި ދެންނެވި ދެ ލިޔުމުގެ ތެރެއިން މިހުރާބުގޭގެ ދެކުނުފަރާތު ކުޑަދޮރުގެ މަތީގައި ލިޔުއްވާފައިވާ ލިޔުމަށް ބަލާއިރު ފެންނަނީ އިސްވެ މި ދެންނެވުނު ޝިހާބުއްދީނުގެ ފިލާގެ ނަކަލެކެވެ. އިސްކަންދަރު މަހާރަދުން ހުކުރު މިސްކިތް ބޮޑުކުރެއްވި އިރު މިސްކިތުގެ މުސްކުޅި ތާރީޚުވެސް ގެއްލިގެން ނުދާނޭ ފަދައަކުން އިހުހުރި ފިލާގައިވާ ލިޔުމުގެ ނަކަލެއް އަލުން ލިޔުއްވުމަށްފަހު ބެހެއްޓެވީއެވެ. އޭގެ އަނެއް ފަރާތުގައި އިސްކަންދަރު ރަސްގެފާނު މިސްކިތް ބެހެއްޓެވި ބެހެއްޓެވުމުގެ މައްޗަށްވެސް ފިލަޔެއް ލިޔުއްވާފައި ބެހެއްޓެވީއެވެ.

މި ނަކަލުގައި ލިޔެފައި އޮތް ގޮތަށް ބަލާއިރު އިބްނުބަޠޫޠާ ހުކުރު މިސްކިތުން ދެކެލެއްވި ކަމަށް ބުނުއްވާ ލިޔުމާއި ތަފާތުތަކެއް އެބަހުއްޓެވެ. އިބްނު ބަތޫތާ ލިޔުއްވާފައި އޮތީ: ”أسلم السلطان أحمد شنورازة على يد أبى البركات البربرى المغربى“ މި ފަދައިންނެވެ. މާނައަކީ ”އައްސުލްޠާން އަޙުމަދު ޝަނޫރާޒާ އިސްލާމްވެ ވަޑައިގަތީ މަޣްރިބުކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ މިކަލޭގެފާނުގެ އަތްމައްޗަށެވެ.“ އެކަމަކު އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ނަކަލު ފިލާގައި މިއޮތީ މިފަދައިންނެވެ. (މިއީ މާލޭ ހުކުރު މިސްކިތް ފޮތުގައި ލިޔެފައިވާ ގޮތެވެ.) ”امر ببناء هذا المسجد المبارك الجامع لله تعالى السلطان درمس محمد بن عبدالله واخوه بسرى كالو رحمة الله عليهم وامر للوزير شنورازه ببنائه فبنا وعمررحمة الله عليه ووصل فى هذا البلد أبوالبركات (އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާ ގޮތުން މިއީ أبوالركاب) يوسف التبريزى واسلم السلطان على يد يه فى شهر ربيع الأخرسنة 548 …“

އިބްނުބަޠޫޠާ އޭރުގެ ރަސްގެފާނަކީ އަޙްމަދު ޝަނޫރާޒާކަމަށް ލިޔުއްވާފައިވާއިރު ފިލާގެ ނަކަލުގައި މިއޮތީ އައްސުލްތާން درمس محمد بن عبدالله އެވެ. ޝަނޫރާޒާއަކީ ރަސްގެފާނުގެ ވަޒީރެކެވެ. އިބްނުބަޠޫޠާ ލިޔުއްވާ ގޮތުން ރަސްގެފާނު އިސްލާމްވެވަޑައިގެންނެވީ އަބުލްބަރަކާތުލް ބަރްބަރީ އަލްމަޣްރިބީގެ އަތްޕުޅު މައްޗަށެވެ. އެހެންނަމަވެސް ނަކަލުގައި މިވަނީ ރަސްގެފާނު އިސްލާމްވެވަޑައިގަތީ އަބުލްބަރަކާތު (ނުވަތަ އަބުއްރިކާބު) ޔޫސުފުއް ތަބްރީޒީގެ އަތްޕުޅު މައްޗަށެވެ. މަޣްރިބީއެއް ނެތެވެ. އެހެންކަމަށްވާނަމަ އިބްނުބަޠޫޠާ އެއީ އަބުލްބަރަކާތުލް ބަރްބަރީ އަލްމަޣްރިބީއޭ ލިޔުއްވީ ކީއްވެގެންތޯއެވެ. އާދެ، ކުރިން މިހިއްސާކުރި ނަކަލު ފިލާގައި ނުކުތާ ޖަހާފައި އޮތަސް ޝިހާބުއްދީނުގެ ފިލާގައި ތަބްރީޒީ އޮތް ތަނުގައި ނުކުތާ ޖަހާފައި ނެތުމުން ބަރްބަރީ ކަމަށް ވެސް ކިޔޭތީ އެގޮތަށް ކީއެވެ. ނުވަތަ ގަސްދުގައި އަމިއްލަ ގައުމުގެ ބޭފުޅަކަށް ހެއްދެވީއެވެ. އިބްނުބަޠޫޠާ ފިލައިން ދެކެލެއްވި ކަމަށް ލިޔުއްވާފައިވާ ލިޔުއްވުމަށް އިތުބާރު ގެއްލޭ ސަބަބަކީ ހަމައެކަނި ތަބްރީޒީ ބަރްބަރީއަށް ވުމެއް ނޫނެވެ. އޭގައި ނެތް މަޣްރިބީއެއް އައުމާއި ރަސްގެފާނުގެ ނަންފުޅު މުޅީން ގޯސްކޮށް އޮތުމެވެ.

ހުކުރު މިސްކިތުގައި އިސްކަންދަރު މަހާރަދުން ބެހެއްޓެވި ޝިހާބުއްދީން ރަސްގެފާނުގެ ފިލައިގެ ނަކަލުގެ އިތުރުން ހުކުރު މިސްކިތުގެ މެދު މިސްކިތުގެ އުތުރު ބިތުގައި ހުރި ފިލައެއްގައިވެސް ވަރަށް ރީތިކޮށް ރާއްޖެ އިސްލާމްކުރެއްވި ބޭފުޅެއްގެ ނަން ސާފުކޮށް ފިލާނޭހެން ފިއްޔާއި ނުކުތާ ޖަހާފައި ލިޔެފައި އެބަހުއްޓެވެ. އޭގައި އޮތީ وهذا الشيخ ابو الرِكَابِ يوسف التبريزي މާނައަކީ ”މިއީ އައްޝައިޚު އަބުއްރިކާބި ޔޫސުފުއް ތަބްރީޒީ އެވެ.“

މާލޭ ހުކުރު މިސްކިތުގައި ހުރި މި ދެންނެވި ލިޔުމުގެ އިތުރުން އިސްކަންދަރު މަހާރަދުން އައްޑުއަތޮޅު ގަމު މާމިސްކިތަށް މީލާދީން 1652 ގައި ލިޔުއްވައިދެއްވި ބޯގަފިލާ ފަތްކޮޅުގައިވެސް އެބޭކަލެއްގެ ނަން ގެންނަވާފައިވެއެވެ. އެފަތްކޮޅަކީ ދިވެސް އަކުރުން ލިޔެފައިވާ ފަތްކޮޅެކެވެ. ފަތްކޮޅު އަސްލު މިހާރުވެސް ގައުމީ ދާރުލްއާސާރުގައި ފެންނަން އެބައޮތެވެ. އެކަމަކު ހިތާމައަކީ ކަތުރުފަނީގެ އަސަރުކޮށްގެން ފިލާގައި އެކަލޭގެފާނުންގެ ނަން އޮތް ތަނުން އެއްބައި ކިޔަން ނޭނގުމެވެ. އެހެންނަމަވެސް އެޗް.ސީ.ޕީ. ބެލް ރާއްޖެ ވަޑައިގެންނެވިއިރު ފިލާ ހަލާކުނުވެ އޮތަތީ އޭގެ ވަރަށް ނުސާފު ނަމަވެސް ފޮޓޮއެއް ފެންނަން އެބައޮތެވެ. އަދި ބެލް ވަނީ އޭނާ ލިޔުއްވީ މޮނޮގްރާފްގައި އޭގައި ވާ ލިޔުން ލެޓިނުން ލިޔުއްވައި އޭގެ ތަރުޖަމާވެސް ކުރައްވާފައެވެ. މިގޮތުން ބެލް ފޮތުގައިވާ އެ ލިޔުން މިތަނުގައި ނަކަލުކޮށްލާނަމެވެ.

”…Shaikh Jalal Yusuf Tabrezige ea (fanun kalo) ge…“

ޖަރުމަނުވިލާތުގެ ބަހަވީ އިލްމުވެރިއެއް ކަމަށްވާ ޖޮސްޓް ގިޕަރޓް އިސްލާމްދީން ފެތުރުމަށް ފާރިސީ ބަސް އަދާކުރި ދައުރުގެ މައްޗަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގައި މި ފިލާފަތްކޮޅުގެ ވާހަކަ ގެންނަވާފައި މި އޮތް ގޮތުންވެސް ފިލާފަތްކޮޅުގައި އޮތީ ތަބްރޭޒީކަން ސާފުކޮށްފިލައެވެ.

”Unfortunately, the line where the name of the converter is mentioned has been severely damaged on the board so that we cannot take the reading al-tabrizi for granted as it stands. A comparison of a present day photograph with the reproduction published by H.C.P. BELL in the 1940ies make it clear, however, that we have a mixed spelling here, sayh galal yusuf al-tabri being written in Arabic, and the final syllable of the name , -zi together with the genitive ending, -ge, being added in Dhives akuru. The decisive point in this reading is the aksara zi, of course, for it alone can prove that we have no barbari here, given that there are no punctuation marks visible in the Arabic part of the word.“

އިސްވެ މިދެންނެވުނު ލިޔެކިޔުންތަކުގެ އިތުރުންވެސް ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްކަމަށް ދިވެހީން ގަބޫލުކޮށްގެން އުޅުނީ ތަބްރޭޒީގެފާނުކަމަށް ހެކި ލިބޭ އެހެނިހެން ވާހަކަތަކާއި ގަރީނާތައްވެސް އެބަހުއްޓެވެ. މިގޮތުން ޙަސަން ތާޖުއްދީނުގެ ތާރީޚަށް ފަހު ޙާޖީ ޢިމާދުއްދީނުގެ ރަސްކަމުގައި އެކުލަވާލި 'ދިވެހި ތާރީޚު' ފޮތުގައި ވެސް އަދި އޭގެ ކުރިޔަށް ޖެހިލާއިރު މެދުޒިޔާރަތުގައި މީލާދީން 1753 ގައި މުލީގޭ ދޮން ޙަސަން މަނިކުފާނު (ފަހުން އައްސުލްޠާން ޙަސަން ޢިއްޒުއްދީން/ ދޮންބަންޑާރައިން) ބެހެއްޓެވި ނަދުރުފިލާގައި ވެސް އަދި ފާތިޙާފޮތްތަކުގައްޔާއި އެނޫންވެސް ކިތަންމެ ލިޔުމެއްގައި އޮތީ ތަބްރޭޒީގެފާނުގެ ނަންފުޅެވެ. އަޅުގަނޑު މި ފާހަގަކުރި ފަދައިން، ދިވެހިންގެ ލިޔެކިޔުންތަކާއި ކިޔަމުން އައި ވާހަކަތަކުގައި ޒަމާނުއްސުރެ ’ތަބްރޭޒީ‘ މި ނަން ބޭނުންކުރަމުން އައި ނަމަވެސް، އެޗް.ސީ.ޕީ. ބެލްގެ ދިރާސާތަކުގެ ސަބަބުން، އޭރު ގައުމު ހިންގަވަން ތިއްބެވި ބޭފުޅުންނަށް އިބްނުބަޠޫޠާގެ ލިޔުން ފެނިވަޑައިގެން، އެއަށް ބަރޯސާވެވި، ’ތަބްރޭޒީ‘ ގެ ބަދަލުގައި ’ބަރްބަރީ‘ މި ނަން ރަސްމީކުރެއްވީއެވެ. ނަމަވެސް އެކަން ކުރެއްވީ މި މައްސަލަ އެންމެ ރަނގަޅަށް ދިރާސާކުރައްވާފައެެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް