މަރްޔަމް ނަހްދާ ވަޙީދު   25 ސެޕްޓެމްބަރު 2025 - 16:29
ރައީސް ނޫސްވެރިންނާ އެކު-
ރައީސް ނޫސްވެރިންނާ އެކު-
ސަރުކާރުން އަމިއްލަ މީޑިއާތަކަށް ދޭން ކަނޑައަޅާފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނުގައި އޮތީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެމަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިއުލާނުގައިވާ ގޮތުން މި ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހަމަވާނެއެވެ.

ނަމަވެސް އިތުރު މީޑިއާތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެ މުއްދަތު އިތުރުކޮށްފައެވެ.

މި ފުރުސަތުގައި މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވްގެ ތެރޭގައި ގާއިމު ކޮށްފައިވާ "މީޑިއާއެޕް" އެވެ.

މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު މިހާރު ވަނީ އެކުލަވާލައި ގެޒެޓުކޮށްފައެވެ. އެއުސޫލުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު