ފަހި ޔޫނިއަންގެ އިސް ބޭފުޅުންތައް-
ފަހި ޔޫނިއަންގެ އިސް ބޭފުޅުންތައް-
ވިޔަފާރި އުސޫލުން ނަފާ ހޯދުމުގެ ބޭނުމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތައް ހަވާލުކުރުން ފަސްނުކޮށް، އަވަހަށް އެ ފްލެޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމަށް ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފިއެެވެ.

ފަހި ޔޫނިއަނުން މިކަމަށް ގޮވާލާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދާފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނާ ހަވާލުނުކޮށް، ހަގީގަތާ ހިލާފު ބަހަނާތައް ދެއްކުމަށްފަހު ބައެއް ފަރާތްތަކަށް ފްލެޓު ނުލިބޭނެ ކަމަށް ބުނެ ސަރުކާރުން ސިޓީ ފޮނުވަމުންދާތީއާއި، 800 އަށްވުރެ ގިނަ ފްލެޓު ހަވާލުނުކޮށް ދިގުލައިގެންދާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހި ޔޫނިއަނުން ވަނީ ނިމިދިޔަ ސަރުކާރާއިއެކު ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެއްވެސް މައްސަލައެއްނެތް ފަރާތްތަކާއި, އަދި 76 އިން މަތިން ޕޮއިންޓްލިބި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާއި, 75 ޕޮއިންޓު ލިބި ގުރުނަގައިގެން އެއްބަސްވުން ލިބިފައިވާފަރާތްތަކަށް ފުލެޓްހަވާލުކުރުމަށް ގޮވާލާފައެވެ.

ފަހި ޔޫނިއަނުން ބުނީ ތަފާތު އެކި މަޖުބޫރީ ހާލަތުތައް ދިމާވެ މާލޭގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން ރަށްރަށަށް ބަދަލުވެ، 06 މަހާއި 01 އަހަރު ދުވަސްވި ފަރާތްތަކަކީވެސް މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ ފަރާތްތަކެއްކަމަށް ބުނެ ފުލެޓް ނުލިބޭނެކަމަށް ސިޓީފޮނުވަމުންދާ ކަމަށެވެ. އެހެންކަމުން އަހަރު ދުވަހުގެ މެދުކެނޑުމަކީ މެދުކެނޑުމެއްކަމުގައި ނުބައްލަވާ އެފަދަ ހާލަތްތައް މެދުވެރިވި ފަރާތްތަކަށް ސީޓީ ފޮނުވުން ހުއްޓާލުމަށް އެ ޔޫނިއަން އިން ވަނީ ގޮވާލާފައެވެ. އަދި މިހާތަނަށް ސިޓީފޮނުވާފައިވާ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތައް ބާތިލުކޮށް، އެފަރާތްތަކާ ފްލެޓުތައް ހަވާލު ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

4000 ފްލެޓުގެ ޙައްޤުވެރިންނާއެކު ނިމިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުމާއި ޚިލާފަށް މިސަރުކާރުން ހަދަމުންގެންދަނީ ކުލީގެ އެއްބަސްވުމެއްކަން ފާހަގަކޮށް، ފަހި ޔޫނިއަނުން ވަނީ ކުރީ ސަރުކާރުތަކުންވެސް ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކެކޭ އެއްފަދައިން، މި އެއްބަސްވުމަކީވެސް ގަނެ ވިއްކުމުގެ އެއްބަސްވުމަކަށް ހެދުމަށް ގޮވާލާފައެވެ. އަދި ހަމައެއާއެކު ފްލެޓުތަކުން އެޑްވާންސް ޕޭމަންޓު ނުނެގުމަށާއި، ކުރީ ސަރުކާރުގެ އެއްބަސްވުމާ އެއްގޮތަށް ފެލެޓުތަކުގެ ކުލި ކުޑަކުރުމަށްވެސް ފަހި ޔޫނިއަން އިން ވަނީ ގޮވާލާފައެވެ.

ފަހި ޔޫނިއަނުން ވަނީ އެފްޑީސީގެ އެއްބަސްވުމުގައި ވާގޮތުންނަމަ ފްލެޓު ލިބޭނީ އެއްބަސްވުމުގައި ސޮއިކުރާތާ 6 މަސް ފަހުން ކަމަށް ފާހަގަކޮށްފައެވެ. އަދި މިގޮތަށް ކަނޑައަޅާފައި ވަނީ ފުލެޓްލިބޭ ފަރާތްތަކަށް ވިއްކުމަށް ނިންމާފައިވާ ފަރުނީޗަރާއި، އެއަރކަންޑިޝަނާގެ އިތުރުން އެހެނިހެން ހޯމްއެޕްލަޔަންސްތައް މާލެގެނެސް ފޯރުކޮށްދެވޭނެކަމަށް ލަފާކުރެވޭ މުއްދަތަކީ 06 މަސް ދުވަސް ކަމުގައި ބެލެވޭތީ ކަމަށް އެފްޑީސީގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށް ފަހި ޔޫނިއަން އިން ވަނީ ބުނެފައެވެ.

"ވީމާ އެފްޑީސީގެ ފަރާތުން ވިޔަފާރި އުސޫލުން ނަފާހޯދުމުގެ ބޭނުމުގައި މިފުލެޓްތައް ޙަވާލުނުކޮށް އިތުރު 06 މަސްދުވަސް ނަގައި ނުލުމަށާއި، އެފްޑީސީގެ ފަރާތުން ބޭއިންސާފުން މިހިންގަމުންދާ ކަންކަން ހުއްޓުވައިދެއްވުމަށް ރައީސް މުޢިއްޒަށް އިލްތިމާސްކުރަން" ފަހި ޔޫނިއަނުން ވަނީ ބުނެފައެވެ.

ފަހި ޔޫނިއަނުން ބުނީ މި ފުލެޓްތައް ހަވާލުނުކޮށް ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ނިކަމެތި ރައްޔިތުންނަށް ނުޙަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން ފްލެޓުތަކުގެ ހައްގުވެރިންނާ ވީހާވެސް އަވަހަށް އެ ފްލެޓުތައް ހަވާލު ކުރުމަށް ފަހި ޔޫނިއަން އިން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު