ރާއްޖެއަށް އީޔޫއިން ކަނޑައަޅާފަވާ ސަފީރުންނާ އެމްޑީޕީގެ ލީޑަރޝިޕުން ބައްދަލުކުރެއްވުން-
ރާއްޖެއަށް އީޔޫއިން ކަނޑައަޅާފަވާ ސަފީރުންނާ އެމްޑީޕީގެ ލީޑަރޝިޕުން ބައްދަލުކުރެއްވުން-
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޑިމޮކްރެސީ ދިފާއުކުރުމުގައި ބައިނަލްއަގްވާމީ އެއްބާރުލުން ދިނުމަށް ގޮވާލައްވާފައިވާކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން، ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރުންނާ އެކު މިއަދު ހެނދުނު، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ސަފީރުންނާ ބައްދަލުކުރެއްވުމުގެ ޝަރަފު ލިބުނުކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ވެރިކަމުގެ ދަށުން ސިޔާސީ ހާލަތު ދަށަށް ގޮސްފައިވާ ގޮތާ ބެހޭގޮތުން އެބޭފުޅުންނަށް މައުލޫމާތު ދިން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ޑިމޮކްރަސީ ދިފާޢުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމަށް ގޮވާލެއްވި ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ދަނީ މި ސަރުކާރު އައިފަހުން ދައުލަތުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަނުގެ އަޑުތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނަމުންނެވެ. އަދި ސަރުކާރުގެ ދޮގާއި މަކަރު ހެދުން ޢާންމުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ބޮޑުވަމުންދާ ކަމަށްވެސް އެމްޑީޕީން ދަނީ ބުނަމުންވެ. ހަމައެއާއެކު އެތައް ދުވަހެއްގެ ގިނަގުނަ މަސައްކަތުން އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ބަސްބުނުމުގެ މިނިވަންކަމާއި އެނޫންވެސް އެތައް ޙައްޤަކަށް މިހާރުގެ ސަރުކާރުން އަރައިގަނެ ނިގުޅައިގަންނަމުން އަންނަ ކަމަށް އެޕާޓީން ބުނެއެވެ.

މި ކަންކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއްކުރުމަށް މިހާރު ތައްޔާރުވަމުންދާއިރު، އެމްޑީޕީން ދަނީ މިކަންކަމާ ދެކޮޅުމަށް އަޑުއުފުލުމަށް ބައިނަލްއަޤްވާމީ އިދާރާތަކަށްވެސް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު