މަޖިލިސް އިދާރާ-
މަޖިލިސް އިދާރާ-
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މީޑިއާ ކޮމިޝަނަށް މުޅިއެކު ހަތް މެންބަރުން ކަނޑައަޅާއިރު، އޭގެ ތެރެއިން ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ތިބި ފަސް މެންބަރުން އައްޔަނު ކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓުންނެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ނަގާ މަގާމުތަކެކެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލެވޭނީ އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަނާއެކު އިގްރާރާއި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެ ފަރާތެއްގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ވެސް ހުށަހަޅަން ޖެހޭ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް ނުވުމާއި، އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެއެވެ.

އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ކުޑަކުދިންންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުމަކީވެސް މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެވެ.

މީގެ އިތުރުން މި މަގާމަށް ކުރިމަތިލާ ފަރާތަކީ ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުމަކީވެސް މަގާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް