ސަރުކާރުގެ ނާގާބިލުކަމާހެދި ރައްޔިތުންގެ އަޑު އިއްވުމަށް ނިކުތުން ނޫން ގޮތެއް ނެތްކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ އެއްވުމަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލާ އެޕާޓީން އާންމުކޮށްފައިވާ ބަޔާން ހިއްސާ ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން އިގްތިސާދު ދަށްވެ، ރައްޔިތުން ބިކަވެއްޖެ ކަމަށެވެ. އަދި މީގެއިތުރުން ގާނޫނުއަސާސީގެ ބާރު ކަނޑުވައިލައި، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި އަސާސީ ހައްގުތައް ސަރުކާރުން ދަނީ ނިގުޅައިގަންނަމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



ސަރުކާރުގެ ނާގާބިލުކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވުމަށް ނިކުތުން ނޫން ގޮތެއް ނެތްކަމަށެވެ. މިހެންކަމުން އޮކްޓޯބަރ 3 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ "ލޫޓުވައިފި ލޫޓުވައިފި" އެއްވުން ކުރިއަށްދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި އެއްވުމަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލާ އެމްޑީޕީ އިން އާންމުކޮށްފައިވާ ބަޔާނުގައި، އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއް ކަމަށް ބުނެފައިވެއެވެ. އަދި އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު