ހަމާސް ޖަމާއަތް-
ހަމާސް ޖަމާއަތް-
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރުމަށް ހަމާސް އިން އެއްބަސްވެއްޖެއެވެ.

ޣައްޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ޓްރަމްޕު ހުށަހެޅުއްވި ޕްލޭނަށް ޖަވާބު ދިނުމަށް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންގެ އިތުރުން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ތަފްސީލަށް ގޮސް މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރަށް އޮތްކަމަށްވެސް ހަމާސްއިން ވަނީ ބުނެފައެވެ.

ޓްރަމްޕުގެ ހުށަހެޅުމުގައި ޣައްޒާގެ ވެރިކަމުން ހަމާސް ދުރުވެ ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރުމަށް ހިމެނޭއިރު، ހަމާސް އިން ވަނީ ފަލަސްތީނު ރައްޔިތުން ބޭނުންވާ ގޮތަކަށް، އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާ އެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރަން ވެސް އެއްބަސްވާ ކަމަށް ބުނެފައެވެ.

ހަމާސް އިން އިތުރަށް ބުނީ ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕުގެ ހުށަހެޅުއްވުމުގައި ހުރި އެހެން ކަންކަން ގުޅިފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކާ ކަމަށެވެ.

އަދި އެ ކަންކަމާ މެދު އަމަލުކުރާނީ ގައުމީ ފެންވަރެއްގައި ކަމަށާއި އެ އޮނިގަނޑު އެކުލަވައިލުމުގައި ހަމާސް އިން ޒިންމާދާރުކަމާ އެކު ބައިވެރިވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މި ހަނގުރާމަ ހުއްޓާލުމަށްޓަކައި ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް އެއްބަސްވާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މީގެ ކުރިން އިއުލާނުކޮށްފައެވެ.

މި ހުށަހެޅުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ހުށަހެޅުން ގަބޫލުކުރާ ކަމަށް އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިސްރާއީލުގެ ހުރިހާ އަސީރުން ދޫކޮށްލުމާ އެކު ދެ ފަރާތުން ހަމަލާތައް ވަގުތުން ހުއްޓާލުމާއި، ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިސްރާއީލު ސިފައިން ފަހަތަށް ޖެހި އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާއި، އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު އިސްރާއީލުން މިނިވަންކުރުމާއި، ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1,700 މީހަކު މިނިވަންކުރުން ވެސް ހިމެނެއެވެ.

އަދި ހަމަ އެއާއެކު ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ފަލަސްތީނުގެ ސަރުކާރެއްގައި ހަމާސްގެ ބައިވެރިވުމެއް ނުބޭއްވުމަށް ޝަރުތުކޮށްފައި ވާއިރު، ސުލްހަވެރިކަމާ އެކު އުޅެން ބޭނުންވާ ހަމާސްގެ މެންބަރުންނަށް އެ ފުރުސަތު ލިބޭނެ ކަމަށް ވެސް ޓްރަމްޕުގެ ހުށަހެޅުމުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު