ކުރީގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް
ކުރީގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް
ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ސޮނިކް ޑިވައިސް ބޭނުން ކުރުމުގެ ސަބަބުން ކުޑަކުއްޖަކު އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމުގެ މައުލޫމާރު ލިބިފައިވާ ކަމަށާއި އެހެންވެ މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އަކީ މީގެ ކުރިން ރާއްޖޭގެ އެއްވުންތައް ރޫޅާލަން ބޭނުންކުރި ހަތިޔާރެއް ނޫނެވެ. މި ޑިވައިސްގެ ސަބަބުން ދާއިމަށް އަޑު ނީވުން، ބޯ އެނބުރުން، ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.

ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން މި ޑިވައިސް ބޭނުން ކޮށްފައިވާއިރު، އޭގެ ސަބަބުން ގިނަ އުނދަގޫތަކެއް ވިކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުތައްވެސް ހިއްސާކޮށްފައެވެ.

މި ޑިވައިސް ބޭނުންކުރި ކުރުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރޮޒެއިނާ ވިދާޅުވީ ސޮނިކް ޑިވައިސްގެ ސަބަބުން ރޭ އިމަޖެންސީ ހާލަތުގައި ކުޑަކުއްޖަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މިމައްސަލަ ބެލުމަކީ ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކާއި ޖަމިއްޔާތަކުގެ ވާޖިބެއް ކަމުގައި ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

އަދި މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރޮޒެއިނާ ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު