މުޒާހަރާ
މުޒާހަރާ
އެމްޑީޕީން އިއްޔެ ރޭ ބޭއްވި މުޒާހަރާ ރޫޅާލަން ސޮނިކް ވެޕަން ބޭނުންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނާއި ދެކޮޅަށް ހިންގެވި ޖަރީމާއެއްގެ ގޮތުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސިފަކުރަށްވައިފިއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން އެޕާޓީގެ ރައީސް ޝާހިދު ވިދާޅުވި އޮކްޓޯބަރ 3ގެ މުޒާހަރާގައި ދިވެހި ރައްޔިތުންނާއި ދެކޮޅަށް ފުލުހުން ބޭނުންކުރި ހަތިޔާރަކީ ރާއްޖޭގެ ފަސްގަނޑުގައި އަލަށް ބޭނުންކުރި ހަތިޔާރެއް ކަމަށެވެ. އެގޮތުން އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އިރާގުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ބޭނުންކުރެއްވި ފަދައިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައިވާ ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

އޭގެއިތުރުން ޝާހިދު ވަނީ ފުލުހުން ބޭނުންކުރި ސޮނިކް ވެޕަންއެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އާންމުންނާއި ދިމާކޮށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން މަނާ ހަތިޔާރެއް ކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ބައެއް ގައުމުތަކުގައި އެ ހަތިޔާރު ބޭނުންކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ސޮނިކް ވެޕަން އަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ވަރަށް ފަރިތަކަމައެކު ބޭނުންކުރާ ހަތިޔާރެއްކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މުޒާހަރާ ރޫލާލުމަށް ނުރައްކާތެރި އިތުރު ހަތިޔާރެއް ރައީސް ޑރ މުޢިއްޒު އަތްޕުޅުގައި ނެތުމަކީ މާތް ﷲ އަށް ހަމްދު ކުރައްވާ ކަމެއް ކަމަށެވެ.

އަދި ފުލުހުން ބޭނުންކުރި ހަތިޔާރުގެ ނުރައްކާތެރިކަން ހުރި މިންވަރަކީ ހަމައެކަނި ކަންފަތުގެ ތޫރި ހަލާކު ކޮށްލުން ނޫންކަމަށާއި އޭގެ އިތުރަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިންސާނާގެ ހަށިގަނޑަށް ދިގު މުއްދަތަށް ދެމިގެންވާ އަނިޔާ ލިބޭ ހަތިޔާރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީން ބޭއްވި ސުލްހަވެރި އެއްވުމުގައި ދިވެހި ސަރުކާރުން އެފަދަ ހަތިޔާރެއް ބޭނުން ކުރެއްވީ އެއްވެސް ހާލަތެއްގައި އެފަދަ ނުރައްކާތެރިި ހަތިޔާރެއް ބޭނުން ކުރަންޖޭހޭ ހާލަތެއްގައި ނޫން ކަމަށެވެ.

އަދި ޑރ މުޢިއްޒު ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކުރެއްވި ރެއެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ތާރިހުގައިވެސް އޮކްޓޯބަރ 3 ލިޔެވިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ހަމައެކަނި މުޒާހަރާ ކުރަންތިބި މީހުންނާ އިދިކޮޅަކަށް ނޫން މިހަތިޔާރު ބޭނުންކުރެއްވީ. މުޅި ސަރަހައްދުގައި ތިބި ކުދިބޮޑު ހުރިހާ ރައްޔިތުންނާ އިދިކޮޅަށް މިހަތިޔާރު ބޭނުންކުރެއްވީ. މިއީ ބައިނަލްއަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ކުރެއްވި ކަމެއް" މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު