އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު
އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު
ސޯޝަލް ހައުސިންގައި ދިރިއުޅޭ މީހުންގެ ނަމަށް އެގްރީމެންޓް ބަދަލުކުރުމަކީ ސޯޝަލް ހައުސިން ބޭނުންވާ އަސްލު ޙައްޤުވެރިންނަށް ފްލެޓް ލިބުން ކަށަވަރު ކުރެވިދާނެ ގޮތެއް ކަމަށް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާޤު މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން، ސަތޭކައެއްހާ މީހުންނަށް ފްލެޓްދީ ނުނިމި އުޅެނިކޮށް އެތަންތަން ބޮޑު އަގުގައި ކުއްޔަން ދޭން އައިބޭގައި އިޝްތިހާރު ކުރަން ފެށުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ފިރާޤު ވިދާޅުވީ، ސަރުކާރަށް ކެރޭނަމަ އެންމެ ރަނގަޅު ގޮތަކީ މީހަކަށް ސޯޝަލް ހައުސިން އެޕާޓްމަންޓެއް ލިބި، އެތަން އެހެން މީހުންނަށް ކުއްޔަށް ދޭނަމަ އެ އެޕާޓްމަންޓަކީ އަލުން ކުއްޔަށް ހިފާ މީހުންގެ ތަނެއްގެ ގޮތުގައި ސަރުކާރަށް ރަސްމީކޮށް ބަލައިގަތުން ކަމަށެވެ.

"އަދިި ކުލީގެ ކޮންޓްރެކްޓް އެމީހުންގެ ނަމަށް ބަދަލުކޮށް، އެ ތަނުގައި ގާނޫނީ ގޮތުން ދިރިއުޅޭ މީހުންނަށްވުމުގެ ފުރުސަތު ލިބި ދިނުމެވެ. މި ޕްރޮސެސްގެ ސަބަބުން ކުއްޔަށް ދިރިއުޅޭ މީހުންނަށް ހަމަޖެހުން ލިބި، އެޕާޓްމަންޓް ބޭނުން ކުރަމުންދާކަން ކަށަވަރުވެ، އަސްލު ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ފުރުސަތު ލިބ ގެން ދާނެއެވެ." ފިރާގު ވިދާޅުވިއެވެ.

ފިރާގު މިހެން ވިދާޅުވެފައިވާއިރު، އެފްޑީސީން 10،500 ރުފިޔާއަށް ކުއްޔަށް ދޫކުރާ ގެދޮރުވެރިޔާ ސްކީމްގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާ ކަމަށް ބުނެ މީސްމީޑީއާގައި އިޝްތިހާރު ކޮށްފައިވެއެވެ.

އޭގެއިތުރުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ޢިމާރާތްކޮށްފައިފައިވާ ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ފްލެޓްތައްވެސް މަތީ އަގުތަކުގައި ވަނީ ކުއްޔަށް ދޫކޮށްފައެވެ.

ސަރުކާރުގެ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. މިފަދަ ޢަމަލެއް ހިންގާ ފަރާތްތަކާމެދު އެއްބަސްވުން ބާޠިލުކޮށް، ފްލެޓް އަނބުރާ ދައުލަތަށް ނެގުމުގެ އިޚްތިޔާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ފްލެޓް ލިބޭ ފަރާތްތަކުން އެ ތަންތަނުގައި ދިރިއުޅޭތޯ ބެލުމަށް އެކަށީގެންވާ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރެވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު